ކުޅުދުއްފުށީގެ 3 ސްކޫލާއެކު މާއްޓޭ ސްޕޯޓްސްގެ އިންޓަރ ސްކޫލް ފުޓްބޯޅަ ޓޯނަމެންޓު 1 މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ. މުބާރާތް ހުޅުވާ މެޗުގައި މާދަމާ އަފީފުއްދީން ސްކޫލުން ނުކުންނާނީ ޖަލާލުއްދީން ސްކޫލާ ދެކޮޅަށެވެ.
މީގެކުރިން ވެސް ކުޅުދުއްފުށީގައި އިންޓަރ ސްކޫލް މުބާރާތްތައް ބޭއްވިފައިވެ އެވެ. މިފަހަރު މާއްޓޭ ސްޕޯޓްސްއިން މި ބާއްވާ މުބާރާތުގައި ކުޅުދުއްފުށީގެ ބޮޑު 3 ސްކޫލުން ބައިވެރިވި އެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން ކޭއޯއަށް ވިދާޅުވި ގޮތުގައި މިމުބާރާތް ކުރިއަށް ގެންދިޔުމަށް ސްކޫލުތަކުގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފަ އެވެ.
އެފަރާތުން ހާމަކުރާ ގޮތުގައި މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ފުޓްބޯޅަ ކުރިއަރުވާ ރަށު ފެެންވަރުގައި މޮޅެތި ކުޅުންތެރިންތަކެއް މިކުޅިވަރުގެ ތެރެއިން ނެރެ ކުޅުންތެރިން ޑިސިޕްލިން ކުރުމެވެ. އަދި މުބާރާތްތަކުގައި ސްކޫލް ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ވެސް މުބާރާތުގެ މަގްސަދެކެވެ.
ކުޅުދުއްފުށީގެ ޒޯން ސްޓޭޑިއަމް 1 ގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވީ އަފީފުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ޖަލާލުއްދީން ސްކޫލެވެ. 45 މިނެޓުގެ ދެ ހާފާއެކު ޖުމްލަ 90 މިނެޓުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މިމުބާރާތް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު، މި ދެ ދުވަހު އެވެ.
މުބާރާތް ކުޅެން ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. 3 ޓީމު އޮންނައިރު އެންމެ ގިނަ ޕޮއިންޓް ހޯދާ އެންމެ މޮޅު ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ. އަދި މުބާރާތުން ކަޓާނީ އެންމެ ޓީމެކެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ހަވީރު 4 ޖަހާއިރު އެވެ. އަދި މިމުބާރާތުގައި ކޮންމެ ޓީމަކުން ވެސް އެއް ޓީމު އަނެއް ޓީމާ ދެފަހަރު ކުޅޭނެ އެވެ. މިމުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި ހިނގާ މާރޗް މަހުގެ 25 ވަނަ ދުވަހުގެ ހަވީރު އެވެ.
މިމުބާރާތުގައި ގިނަ ވަނަތަކެއް ވެސް ހޮވަން ޖެހިފައިވެ އެވެ. އެގޮތުން ޗެމްޕިއަން ޓީމާއި ރަނަރަޕްގެ އިތުރުން ފެއާ ޕްލޭ ޓީމާއި އެންމެ މޮޅު ކީޕަރު، އެންމެ މޮޅު ޑިފެންޑަރު އަދި އެންމެ މޮޅު މިޑްފީލްޑަރާއި ފޯވާޑުގެ އިތުރުން ޓޮޕް ސްކޯރާ ހޮވުމަށް ހަމަޖެހިފައިވެ އެވެ. ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް ހޮވާއިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.