twitterviber whatsapp telegramfacebookyoutube instagram
25th April 2024

އައިބީއެމް އަތުން އެސްޓީއޯ މޮޅުވިއިރު ކޭއާރުއެޗުން އަފީފުއްދީން ކޮޅަށް ލަނޑު ގޯންޏެއް!

މުޙައްމަދު އަހުމަދު
Mar 11, 2022
2

މިހާރު ކުރިއަށްދާ ހިރަފުސް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗުގައި ރޭ އައިބީއެމް އަތުން އެސްޓީއޯ މޮޅުވިއިރު ކޭއާރުއެޗުން އަފީފުއްދީން ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފި އެވެ.

ރޭ އެސްޓީއޯއާއި އައިބީއެމް ބައްދަލުކުރި މެޗު 8 - 1 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ އެސްޓީއޯއިންނެވެ. އެސްޓީއޯގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ. މިމެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެސްޓީއޯއިންނެވެ. މިލަނޑު މެޗުގެ 13 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކުޅަދާނަ ފޯވާޑް އަހްމަދު ނަދީމެވެ.

އޭގެ މިނެޓެއް ފަހުން ނަދީމް ވަނީ އެސްޓީއޯގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދީފަ އެވެ. މިމެޗުގައި އެސްޓީއޯގެ ނަދީމްގެ ހެޓްރިކެއް ފެނިގެންދިޔައިރު އެސްޓީއޯގެ އިބްރާހިމް އާސިފް (އަފޭ) ވެސް ވަނީ ހެޓްރިކެއް ހަދާފަ އެވެ. އެސްޓީއޯގެ އަނެއް ލަނޑު އެޓީމުގެ އަހްމަދު މުހައްމަދު ޖަހައިދިންއިރު އެޓީމުގެ 8 ވަނަ ލަނޑަކީ އައިބީއެމްގެ މުހައްމަދު އަޒާންގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އައިބީއެމްގެ ހަމައެކަނި ލަނޑަކީ އެސްޓީއޯގެ ކެޕްޓަން ހަސަން މުހައްމަދުގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބޮޑު ތަފާތަކުން މިމެޗު އެސްޓީއޯއިން ކާމިޔާބުކުރިއިރު މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްޓީއޯގެ އަހްމަދު ނަދީމް އެވެ.

ރޭގެ ފަހު މެޗުގައި އަފީފުއްދީން އެސްއާރުސީއާއި ކޭއާރުއެޗު ބައްދަލުކުރިއިރު އެމެޗުގައި ކޭއާރުއެޗުން ވަނީ އަފީފުއްދީން ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލާފަ އެވެ. މިމެޗު ކޭއާރުއެޗުން ކާމިޔާބުކުރީ 16 - 0 ގެ ބޮޑު ތަފާތަކުންނެވެ.

މިމެޗުގައި ކޭއާރުއެޗުގެ އަބޫބަކުރު އާދަމް ވަނީ 5 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި މުހައްމަދު ނަޒީފްގެ ހެޓްރިކެއް ފެނިގެންދިޔައިރު ހަސަން ރައިހާން އަދި އަސްޖައު މޫސާ، މިދެކުޅުންތެރިން ވަނީ ކޮންމެ ކުޅުންތެރިޔަކު ދެލަނޑުޖަހާފަ އެވެ.

ކޭއާރުއެޗުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަހްމަދު ދާއޫދާއި މުހައްމަދު އާލިމް، ފަތުހުﷲ އަހްމަދުގެ އިތުރުން އަހްމަދު އަލީ އެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ 1 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޭއާރުއެޗުގެ ޖޯޒީ ނަމްބަރު 20 އަބޫބަކުރު އާދަމް އެވެ.

މިރޭ ވެސް މިމުބާރާތުގެ ދެމެޗެއް އަދި ހިރަފުސް ކަނބުލޮ ފުޓްސަލް ޗެލެންޖުގެ މެޗެއް ކުޅެވޭނެ އެވެ. އެއީ މިރޭ 20:30 ގައި ބީއެސްއޭއާއި ފައިވް ބައްދަލުކުރާ މެޗެވެ. އަދި ހިރަފުސް އިންޓަރ އޮފީސް މުބާރާތުގައި މިރޭ 21:30 ގައި ކުލަބް ކޭއާރުއެޗުން ކޭސީޕީއާއި ދެކޮޅަށް ނުކުންނައިރު މިރޭ 22:30 ގައި ކަސްޓަމްސްއިން ނުކުންނާނީ ކޭސީސީ އާރްސީއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355