twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީގެ ގޮނޑިއެއް އަންހެނަކު ތަމްސީލުކުރާތަން ދެކެން ބޭނުން: އީވާ

އަބްދުލް ވާހިދު ޙަސަން
Mar 13, 2022
3

ރައްޔިތުން މަޖީލީހުގެ ކުޅުދުއްފުށީ ދާއިރާއެއް ތަމްސީލުކުރައްވަން އެ ސިޓީން އަންހެން މެމްބަރަކު ރައްޔިތުން މަޖިލީހުން ފެންނާނެ ދުވަހަކަށް އުންމީދުކުރައްވާކަމުގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވީ، ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އަންހެނުން ބާރުވެރިކުރުވަން ބޭއްވި "އަންހެނުންގެ ސައްލާ" ނިންމުމުގެ ގޮތުން ރޭ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ގޮނޑިއެއް ތަމްސީލުކުރަން އެ ސިޓީގެ އަންހެނަކު އެ މަޖީލީހުން ފެންނާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ މި ސިޓީން އިރާދަކުރެއްވިއްޔާ ކޮންމެސް ދުވަހަކުން އަދި އަޅުގަނޑުމެން ނެތްކަމުގައި ވިޔަސް. އަޅުގަނޑުގެ އުންމީދަކީ އަންހެން ރައްޔިތުން މަޖިލިސް މެމްބަރަކު ފެނުން." ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އީވާ ވަނީ އަންހެނުން ބާރުވެރިކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާވާފަ އެވެ. ވަކިން ހާއްސަކޮށް ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވި އެވެ.

އެގޮތުން އޭނާގެ ވާހަކާގައި ފާހަގަކުރެއްވީ އަންހެނުން މަގާމުތަކަށް ކުރިމަތިލުމުގައި އެހެން އަންހެނުން އެހީތެރިވެ ދިނުމާއި ހިތްވަރު ދިނުމުގެ މުހިއްމުކަމާ ބެހޭ ގޮތުންނެވެ.

"އެންމެ ބޮޑަށްވެސް އަޅުގަނޑު އެދޭނީ އަންހެނުން އެކަކު އަނެއްކަކަށް އެހީތެރިވެ ދިނުމަށް. މަގާމެއް އަދި ބާރެއް އޮތް މަގާމެއްގައި ހުންނަކަމުގައި ވަންޏާ ވީވަރަކުން ކުރިއަރަމުން އަންނަ އަންހެނުންނަށް ވީވަރަކުން ޖާގަ ދެވޭތޯ ބެލުން." އީވާ ވިދާޅުވި އެވެ.

މަގާމަކަށް ކުރިމަތިލުމުގައި ހުރި އުނދަގޫތަކުގެ ބަދަލުގައި އެމަގާމަކަށް ކުރިމަތިލުމުން، ހާއްސަކޮށް ސިޔާސީ މަގާމަކަށް އާދެއްވިއްޔާނަމަ ގެނެވޭނެ ބަދަލު ވިސްނާ ދިނުމުގައި އެއް އަންހެނަކު އަނެއް އަންހެނަކަށް އެހީތެރިވެ ހިތްވަރު ދިނުމަށް އީވާ އެދިވަޑައިގެންނެވި އެވެ.

"އަނެއް މީހާއަށް ކުރިއަށް ބޯޅަ ޖަހާލަ ދޭށޭ. އަޅުގަނޑު ހުރިހާ އެއްޗެއް ބައްކުރާވެސް ނުޖެހޭނެއޭ. އަޅުގަނޑާއެކުއެކީގައި އަނެއް އަންހެން މީހާ ހުރެފިއްޔާ އަޅުގަނޑުމެން އެންމެނޭ ވަރުގަދަ ވާނީ. އަދި މުޖުތަމައުވެސް ހަމަ ވަރުގަދަވާނެއޭ." ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ވިދާޅުވި އެވެ.

އަންހެނުން ބާރުވެރިކުރުވަން ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "އަންހެނުންގެ ސައްލާ" މި ޕްރޮގުރާމަކީ ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުންތަކުގައި 27 އަންހެނުން ބައިވެރިވެފައިވާއިރު ފުރަތަމަ ހަރަކާތުގައި ގެވެށި އަނިޔާ ހުއްޓުވުމާ ކުޑަ ކުދިންނާ ގުޅުންހުރި ގާނޫނުތަކާ ގުޅޭ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދީފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355