ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 20 ރަށެއްގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 34 މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފެއެެވެ.
ބޭންކުން 2017 ވަނަ އަހަރު ފެށި ވީލްޗެއަރ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއަރ އެއް ހަދިޔާ ކުރުމެވެ. އެގޮތުން ވީލްޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 170 އަށް ވުރެ ގިނަ ވީލްޗެއަރ ވަނީ ހަދިޔާކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ޕްރޮގްރާމް ފެށީ ދިވެހިރާއްޖޭގައި މިފަދަ ވީލްޗެއަރގެ ބޭނުންޖެހިފައިވާ ކޮންމެ މީހަކަށް ވީލްޗެއަރއެއް ހަދިޔާކުރުމުގެ އަމާޒުގައިކަމަށެވެ. މި ވީލްޗެއަރގެ ޒަރިއްޔާއިން މުޖުތަމައުގައި ދިރިއުޅޭ އެހެން ފަރާތްތަކެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެމީހަކު އިހްތިޔާރުކުރާ ފަދަ އުފެއްދުންތެރި އަމިއްލަ މިނިވަން ދިރުއުޅުމެއް އުޅުމުގެ ފުރުސަތު ލިބިދޭކަމަށް އޭނާ ވިދާޅުވިއެވެ.
ބޭންކުން އަންނަނީ އެކި ޕްރޮގްރާމްތައް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވަމުންނެވެ. މިގޮތުން މިދިޔަ ޑިސެންބަރު މަހު ބޭންކުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާރސަންސް ވިތް ޑިސޭބިލިޓީސް ގެ 'ހެލްތީ ޕީޑަބްލިއުޑީސް ޕްރޮގްރާމް' ހިންގުމަށް އެ އެސޯސިއޭޝަން އަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ.