ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ ޚިދުމަތް ފުޅާކޮށް މުސްތަގްބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސެންޓަރުތަކެއް ގާއިމުކުރެވިގެންދާނެކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމްކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެ ސެންޓަރުން ލިބޭ ހިދުމަތްތަކަކީ މީގެ ކުރިން ރާއްޖޭގައި ހޯދަން އުނދަގޫ ހިދުމަތްތަކެއްކަން ފާހަގަކުރައްވައި މި ސެންޓަރުގެ ހިދުމަތް ރަސްމީގޮތުން ފެށުމާއެކު މި ދާއިރާއިން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ.
The services offered at Child Development Center include occupational therapy, speech therapy physiotherapy and psychology service.@JBeygum @MaariSaeed @KerafaNaseem @ali_shiyam @FaisalNasym @presidencymv @MoHmv @Mihaarunews @Raajje_tv @VMediaVTV @Sangu_TV @avasmv pic.twitter.com/U2Aqx0cRxr
— Hulhumalé Hospital (@HMH_mv) March 15, 2022
އެ ސެންޓަރުން އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ، ފިޒިއޮތެރަޕީ އަދި ސައިކޮލޮޖީ ސާރވިސް ލިބޭނެ އެވެ.
ކޮންމެ ހިދުމަތެއް ފަށާއިރު ގޮންޖެހުންތަކެއް ހުންނަކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ ނުކުޅެދިންތެރިކަން ހުންނަ ކުދިންނަށް ދޭ ހިދުމަތްތައް ފޯރުކޮށްދޭނެ ތަމްރީން ލިބިފައިވާ މީހުން ނެތުމަކީ ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށެވެ. ނަމަވެސް މި ހިދުމަތް ފެށުމަށް ހަމަޖެއްސުމާއެކު މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްވެސް މިހާރު ފަށާފައިވާކަމަށް ނައިބް ރައީސް ވިދާޅުވެއެވެ.
ނައިބް ރައީސް ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީ ކުރެވިގެންދާއިރު އެ ހޮސްޕިޓަލްތަކަށް ބޭނުންވާ އެކި އެކި ސްޕެޝަލިސްޓުން އުފެއްދުމަށް ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށްޓަކައި މަސައްކަތް ކުރަމުން ދާކަމަށެވެ.