ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ އީޖާބީ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ "ފަރސްޓް ޕޮލިސީ ރައުންޑް ޓޭބަލް އޮން މެރިން ލިޓަރ ޕްރިވެންޝަން" އިފްތިތާހުކުރުމަށް ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި އަންގާރަ ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމުގައި ރާއްޖެއަށް ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަމާއި އަދި މިކަން ހައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއެކު ކުނީގެ މައްސަލަ ހައްލެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުން ފަސްނުޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ކަނޑުފަޅުގެ ސިއްހަތާ ގުދުރަތީ ދިރުންތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، ކަނޑުފަޅުތައް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކަ ރާއްޖޭގެ އިގްތިސޯދީ ސިޔާސަތުތައް ބަދަލުކޮށް ނޫ އިގްތިސޯދެއްގެ ސިފަތައް އަށަގެންނެވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.
އެގޮތުން ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރުމާއި ކުންޏާބެހޭ ގަވައިދުތައް އިސްލާހުކޮށް ކުނި އުފައްދާ ފަރާތުގެ މައްޗަށް އޮންނަ ޒިންމާ ބޮޑުކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
އަދި ކުންޏަކީ އޭގެން މަންފާ ލިބެނިވި އެއްޗަކަށް ހެދުމަށްޓަކައި 4 މަރުޙަލާއަކަށް ބަހާލައިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުނި ބެލެހެއްޓުން ލާމަރުކަޒީ ކުރެވި މުޅި ރާއްޖެއަށް އެކަން ފުޅާކުރެވިގެންދާނެ ކަމުގައި އެ ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، މިފަދަ އީޖާބީ މަސައްކަތްތަކުން އުންމީދީ މަންޒަރުތަކެއް މިހާރު ފެންނަން ފަށާފައިވާ ކަމަށާއި އަދި މިއީ މުޖުތަމަޢެއްގެ ގޮތުގައި ކުރިއަށްދެވޭ މިސްރާބު ރަނގަޅުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާ ނައިބު ރައީސް ވަނީ މިއަދުގެ ވަށްމޭޒު ބައްދަލުވުމުގެ ތެރެއިން މިފަދަ އިތުރު މަސައްކަތްތައް ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.
"ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދި ލަކްޝްވަދީޕް ސީ" ޕްރޮމިސް މަޝްރޫއަކީ ސްވިޗް އޭޝިއާ ޕްރޮގްރާމްގެ ދަށުން ލަކްޝްވަދީޕް ސަރަހައްދުގައި ހިމެނޭ އިންޑިއާ، ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކަށް ލައްގާ ކުނީގެ މިންވަރު މަދުކުރުމަށް ކަނޑުތަކަށް އެޅޭ ކުނި އުފެދޭ ތަންތަނަށް އަމާޒުކޮށް ކުރެވޭ މަސައްކަތެކެވެ.
އެގޮތުން މި ބޭއްވޭ ޕޮލިސީ ރައުންޑް ޓޭބަލް ބައްދަލުވުންތަކުގެ ތެރެއިން ކުންޏާބެހޭ ސިޔާސަތުތައް އެކަށައެޅުމަށް ހުށައެޅުންތައް ހުށައެޅިގެންދެއެވެ. ޕްރޮމިސް މަޝްރޫޢަކީ ސްވިޗް އޭޝިއާ ޕްރޮގްރާމުގެ ދަށުން 4 އަހަރުގެ މުއްދަތަކަށް ވިލާތުގެ އިއްތިހާދުން ފަންޑުކޮށްގެން ހިންގޭ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއެވެ.