ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ފުވައްމުލަކު ސިޓީގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް އިއުލާނު ކޮށްދެއްވައިފި އެވެ. ރައީސް މި މަޝްރޫއުތައް އިއުލާނު ކޮށްދެއްވީ ރައީސްގެ ދެ ކަނބަލުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ރޭ ދެއްވި މާހެފުމުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވުމުން އެ ސިޓީގެ ރައްޔިތުން ވިދާޅުވި ހޫނު މަރުހަބާއަށް ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި ސަރުކާރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
ފުވައްމުލައް ސިޓީގެ ކުރިއަށް ހުރި ތަރައްގީގެ ބައެއް މަޝްރޫއުތަކަށް ހާމަކުރައްވަމުން، ސިޓީ ކައުންސިލުން އެ ސިޓީގެ އެއާޕޯޓް މިހާރަށްވުރެ ބޮޑުކުރުމަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ އެއާޕޯޓް ބޮޑުކުރެވެން އޮތް މިންވަރެއް ބެލުމަށް ޓެކްނިކަލް ސާވޭއެއް ހަދަންޖެހޭކަން ފާހަގަކުރައްވައި އެ ސާވޭއަށްފަހު އެއާޕޯޓް ބޮޑުކުރެވެން އޮތް އެންމެ ބޮޑަކަށް އެއާޕޯޓް ބޮޑުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން އެ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިހާރު ޓެންޑަރިންގ ގެ މަރުހަލާގައިވާ 200 ހައުސިންގ ޔުނިޓުގެ އިތުރުން އިތުރު 200 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ރޭ ހާމަކުރެއްވި އެވެ.
ފުވައްމުލައް ސިޓީގެ މިހާރު ކުރިޔަށްދާ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާއިރު އެ މަސައްކަތް މެދުނުކެނޑި ކުރިޔަށްދާގޮތަށް ދެވަނަ ފޭސްއެއްގެ ގޮތުގައި އިތުރު 10 ކިލޯމީޓަރުގެ މަގު ހެދުމަށް ނިންމަވާފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ މިރޭ އިޢުލާނުކުރެއްވިއެވެ.
ފުވައްމުލަކު ތަރައްގީކުރާ 50 އެނދުގެ އައު ހޮސްޕިޓަލް ތަރައްގީކުރާއިރު އެތަނުގައި ހާއްސަ ހިދުމަތްތަކެއްގެ ގޮތުގައި ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ސްޕެލިޓީ ހިދުމަތްތައް ހިމަނުއްވާނެ ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުންވެސް ފުވައްމުލައް ސިޓީގެ ބަނދަރުގެ ދަތިކަން ހައްލުކޮށް ބަނދަރު ބޮޑުކުރުމަށް ކުރިން އެ ބަނދަރުގެ މަސައްކަތް ކުރި ކުންފުންޏަށް ބަނދަރުގެ ސާވޭގެ މަސައްކަތް ހަވާލުކުރުމަށް ނިންމަވާފައިވާކަމަށާއި އަދި މި ނޫންވެސް މަސްވެރިންގެ ފަސޭހައަށް ރޭވިފައިވާ ކަންކަމާއި ފުވައްމުލައް ސިޓީގައި ފަތާފެންގަނޑެއް ތަރައްގީކުރުމާއި އަދި ސިޓީގެ ތަރައްގީއަށް ރޭވިފައި ހުރި އަދި މިހާރު ހިނގަމުންދާ ބައެއް މަޝްރޫއުތަކުގެ ތަފްސީލުތަކަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްގީގެ ކަންކަން ކުރިއަށްގެންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެންކަން ފާހަގަކުރެއްވި އެވެ. އަދި ފުވައްމުލައް ސިޓީއަކީ ބަޔޮސްފިއަރ ރިޒާވެއްކަން ފާހަގަކުރައްވައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި އެކަމަށް ހާއްސަ ސަމާލުކަމެއްދީގެން ގުދުރަތީ ދިރުންތައް އަންނަން އޮތްޖީލުތަކަށް ވާސިލުކޮށްދެވޭގޮތަށް ކުރިއަގެންދިއުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެެވެ.