އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރު ފައިނޭންސްގެ މަގާމަށް ހުސެއިން ޒަރީރު އައްޔަން ކޮށްފި އެވެ.
ހުސައިން އަކީ ފައިނޭންޝިއަލް މެނޭޖްމަންޓް ދާއިރާއިން 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 15 އަހަރު އުރީދުއަށް ވެސް ހިދުމަތް ކޮށްފަ އެވެ. ޒަރީރު ވަނީ ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސްގެ ޒަމާނުން ފެށިގެން އެ ކުންފުނީގައި ހިދުމަތް ކުރައްވާފަ އެވެ.
އުރީދޫގެ ޑިރެކްޓަރު ފައިނޭންސްގެ މަގާމަށް އައްޔަން ކުރި ޒަރީރުއަކީ އިނގިރޭސިވިލާތުގެ އެކައުންޓް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން މާލީ އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވެ އެވެ.
އުރީދޫގެ ޓީމާ އަލުން ގުޅިވަޑައިގަތުމުން އެ ކުންފުނިން ވަނީ އޭނާއަށް މަރުހަބާ ކިޔައިފަ އެވެ. އޭނާގެ ތަޖުރިބާގެ އަލީގައި ކުންފުނީގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ވަތަނިއްޔާ ޓެލްކޮމްގެ ނަމުގައި 2005 ވަނަ އަހަރު ރާއްޖޭގައި ހިދުމަތް ފެށި މިހާރުގެ އުރީދޫ މޯލްޑިވްސްގެ ސީނިޔަ މަގާމުތަކުގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރެ އެވެ.