ހއ. ދިއްދޫގައި ގާއިމްކުރަން ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް ނިމި ހިދުމަތް ދެވޭވަރުވާނީ އަންނަ އަހަރު ކަމަށް ފިޝަރީސް މިނިސްޓަރު ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހުސައިން ރަޝީދު މި ފަދައިން ވިދާޅުވީ އިއްޔެ އޮތް މަޖިލީހުގެ ބައްދަލުވުމުގައި، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުން ނެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ވަނީ އެރަށުގައި ސައުދީ ފަންޑުގެ އެހީގައި ގާއިމްކުރަން ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 8 ވަނަ ދުވަހު ފިޝަރީސް މިނިސްޓްރީން އިއުލާން ކުރިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އޭގެ ފަހުން އެކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭތީ އެކަމުގެ އަދާހަމައަކީ ކޮބައިތޯ އާއި އައިސްޕްލާންޓުގެ އަމަލީ މަސައްކަތް ފަށައި، ރައްޔިތުންނަށް ހިދުމަތް ދެވޭނެ ކަމަށް ލަފާކުރެވޭ ތާރީހަކީ ކޮބައިތޯ މެންބަރުވަނީ ސުވާލުކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ، ފިޝަރީސް މިނިސްޓްރީން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ މަސައްކަތަށް ބިޑު ހުށަހެޅުމަށް އިއުލާން ކުރުމުން މުއްދަތު ހަމަވިއިރު ބިޑު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށެވެ.
އެ ބިޑަކީ އިންޓަނޭޝަނަލް ކޮމިއުނިޓީ ބިޑަކަށް ވުމާއެކު ބިޑު ހުށަހަޅާ ފަރާތުން ބިޑު ހުށަހެޅުމުގެ ކުރިން ރެޖިސްޓަރީ ވާން ޖެހޭއިރު ދިއްދޫ އައިސްޕްލާންޓް ގާއިމްކުރުމަށް ބިޑު ހުށަހެޅި ފަރާތަކީ ބިޑު ހުށަހެޅުމަށް ކުރިން ރެޖިސްޓްރީ ވެފައިނުވާ ފަރާތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެ ބިޑު ޑިސްކުއަލިފައި ވެފައިވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މަސައްކަތަށް ދެވަނަ ފަހަރަށް ބީލަން ހުޅުވާލުމުގެ ކުރިން ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ދެވަނަ ފަހަރަށް ބީލަން ހުޅުވާލެވޭނީ ސައުދީގެ ހުއްދަ ލިބިގެންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސައުދީގެ ހުއްދަ ލިބޭނެކަމަށް މިނިސްޓްރީން ލަފާކުރަނީ އަންނަ ހަފްތާގެ ތެރޭގައި ކަމަށާއި އަދި ހަމަ އެ ހަފްތާގެ ތެރޭގައި ބީލަމަށް ހުޅުވާލެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބީލަން ކާމިޔާބު ކުރާ ފަރާތާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނެކަަމަށް ބެލެވެނީ މި އަހަރުގެ ޖޫންމަހު ދެވަނަ ހަފްތާގައި ކަމަށެވެ.
"އައިސްޕްލާންޓް ނިމި ހިދުމަތް ދެވެން ފެށޭނީ ސޮއިކުރާތާ އަށް މަސް ދުވަސް ފަހުން. އެއީ މާޗް 2023ގައި ކަމަށް ލަފާކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.