ކުލަބް ކޮރަލްސްއިން އިންތިޒާމުކޮށްގެން ބާއްވާ ފީފާ ކިންގް މުބާރާތުގެ ފައިނަލުގައި ދެ ބެއިންގެ ކުރިމަތިލުމެއް ފެނިގެންދިޔައިރު ފައިނަލް ކާމިޔާބުކޮށް ފީފާ ކިންގްގެ މަގާމު އަހްމަދު ބިން ހަމްޒާ ހާސިލްކޮށްފި އެވެ.
ފައިނަލުގައި ރޭ އަހްމަދު ބިން ހަމްޒާ (19އ) އަދި އޭނާގެ ކޮއްކޮ އިބްރާހިމް ބިން ހަމްޒާ (17އ) ބައްދަލުކުރި މެޗު 4 - 2 ން ކާމިޔާބުކުރީ އަހްމަދު ބިން ހަމްޒާ އެވެ.
ދެކުޅުންތެރިން ވެސް ޕީއެސްޖީ ނަގައިގެން ކުޅުނުއިރު އަހްމަދު ބިން ހަމްޒާ ފައިނަލަށް ދަތުރުކުރީ ސެމީގައި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން މުހައްމަދު އަނީޒް އަބްދުﷲ ބަލިކޮށެވެ. އިބްރާހިމް ފައިނަލަށް ދަތުރުކުރީ ސެމީގައި ހަސަން ރައިހާން ބަލިކޮށްގެންނެވެ.
ފައިނަލް މެޗަށްފަހު އިބްރާހިމް ބިން ހަމްޒާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ "އަހަރެމެން ދެމީހުން އެބަ ޖެހޭ ފައިނަލުގައި ކުޅެން" މިހުވަފެން ހަތަރު އަހަރަށްފަހު ހަގީގަތަކަށްވެފައިވާކަމަށާއި ކޮންސިސްޓެންސީއަކީ މިކަމަށް އޮތް ތަޅުދަނޑި ކަމަށެވެ.
މިމުބާރާތުގައި މިފަހަރު ޖުމްލަ 70 ބައިވެރިން ބައިވެރިވެފައިވާއިރު ފުރަތަމަ ކުޅެވުނީ ކޮލިފިކޭޝަން ރައުންޑެކެވެ. އެ ރައުންޑުން ނަތީޖާ ނުކުންނަ ގޮތަށް ބަލާ 16 ގްރޫޕަށް އެންމެން ބެހުނެވެ. ދެން ގްރޫޕް ސްޓޭޖަށް ފަހު ގަދަ 32 އަދި ގަދަ 16 ގެ ބުރެއް ކުޅެވުނެވެ. އެވެ. އަދި ކުއާޓާ ފައިނަލާ ސެމީ ފައިނަލް ކުޅެވުނެވެ.
ކުލަބް ކޮރަލްސްއިން ހާމަކުރާ ގޮތުގައި މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގެ ފީފާ ގޭމް ކުޅޭ ކޮމިއުނިޓީއަށް ވާދަކުރުމުގެ ޕްލެޓްފޯމެއް ހޯދައިދިނުމާއި މިކުޅިވަރުން ހުނަރުވެރިން އުފެެއްދުމާއެކު މިމުބާރާތުގެ ތެރެއިން ރަށުގެ އެކި ހިސާބުތަކަށް ނިސްބަތްވާ ޒުވާނުންގެ މެދުގައި ގުޅުން ބަދަހި ކުރުމެވެ.