twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިސްރާއީލް ސިފައިން އަޤުޞާ މިސްކިތަށް ވަދެ، ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި

ނަބީލާ އިސްމާޢީލް
Apr 17, 2022

އަލްމަސްޖިދުލް އަޤުޞާއަށް އިސްރާއީލްގެ ސިފައިން ވަދެގަނެ، ދިން ހަމަލާ، ރާއްޖެއިން ކުށްވެރި ކޮށްފިއެވެ.

މުސްލިމުންގެ ތިން ހަރަމްގެ ތެރޭގައި ހިމެނޭ ފަލަސްތީނުގެ އަގްސާ މިސްކިތަށް އިއްޔެ އިޒްރޭލްގެ ސިފައިން ވަދެ ހަމަނުޖެހުން ހިންގައި، ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ އިޒްރޭލުގެ އެ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާ ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށެވެ. އަދި އޭގެ ސަބަބުން މެދު އިރުމަތީގައި ހަމަޖެހުން ގާއިމުކުރަން ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ބަޔާނުގައި ވެ އެވެ.

އިސްރާއީލުން ބުރާސްފަތި ދުވަހުގެ ރޭ ފަތިސް ނަމާދު ނިމުނުތަނާ އަޤުޞާ މިސްކިތަށް ވަދެގަނެ، ދިން ހަމަލާ ތަކުގައި ފަލަސްތީނުގެ 150އަށް ވުރެ ގިނަ މުސްލިމުން ޒަޚަމް ކޮށްލުމަށް ފަހު، އެތަނުން 300އަށް ވުރެ މީހުން ހައްޔަރު ކުރިއެވެ. އަދި މިސްކިތުގެ ކުޑަދޮރުތަކެއް ތަޅައިގެން ގޮސް، ބޮޑެތި ގެއްލުންތަކެއް ވެސް ވަނީ ލިބިފައެވެ.

އިސްރާއީލުން ހިންގަމުން އަންނަ މިފަދަ ޖަރީމާތަކުގެ ސަބަބުން އެ ސަރަހައްދުގެ ސުލްހަ އާއި އަމާންކަން ޤާއިމު ކުރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ހުރަސްތައް ކުރިމަތިވާނެ ކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ދިވެި ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ޓަކައި ފަލަސްތީނުގެ ރައްޔިތުން ކުރާ މަސައްކަތަށް، ސަރުކާރުގެ ތާއީދާއި އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށެވެ. އަދި ރާއްޖެ އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ މުސްލިމް ރައްޔިތުންނާއެކުގައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި ވެސް އިސްރާއީލް ސިފައިން ވަނީ އަޤުޞާ މިސްކިތަށް ގަދަކަމުން ވަދެގަނެ، އެތަނުގައި އަޅުކަން ކުރާން ތިބި މުސްލިމުންނަށް ހަމަލާ ދީފައެވެ. އެ ހަމަލާގައި ފަލަސްތީނުގެ 300އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355