ދަރިވަރަކަށް ޓީޗަރަކު ހާއްސަ ވަނީ އެ ދަރިވަރުންނާ މެދު ޓީޗަރެއްގެ ހިތުގައި އޮންނަ ލޯތްބެއްގެ މައްޗަށެވެ. ކިޔަވައި ދިނުމަށް ކުރާ ބުރަ މަސައްކަތާއި، ހިތްހެޔޮކަމާއެކު ދަރިވަރުންނާމެދު އަމަލުތައް ބަހައްޓާ ބެހެއްޓުމުގެ މައްޗަށެވެ. އުގަންނައި ދިނުމަކީ ހަމައެކަނި ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ނުބަލާއި ދަރިވަރުންނަށް އިލްމު ފޯރުކޮށްދިނުމަކީ އުފަލެއްކަމުގައި ބަލައިގެން މަސައްކަތް ކުރާ ޓީޗަރުންނަކީ އެފަދަ ޓީޗަރުންނެވެ.
ކިޔަވައި ދިނުމަށް އެފަދަ ލޯތްބެއް އޮތް، ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ލީޑިން ޓީޗަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުންއަންނަ ފާތުމަތު މުހައްމަދުގެ ވާހަކަތައް ވަރަށް ވެސް ހާއްސަ އެވެ. ކިޔަވައި ދިނުމަށާއި ދަރިވަރުންނާ ދެމެދު އޮތް ހާއްސަ ގުޅުން އެންމެ ބޮޑަށް އެގިގެން ދަނީ ފާތުން މިސް ކިޔަވައިދިނުމުގައި ހޭދަވި 23 އަހަރުވީ ދިގު ހަޔާތުގައި 15 އަހަރު އޭނާ ހޭދަކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރެއްގެ ގޮތުގައެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ކިޔަވާދެއްވާފައިވާ އަދި މިހާރު ވެސް ބައެއް ރަށްރަށުގެ ސްކޫލްތަކުގައި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ފާތުން މިސް ހިންގާފައިވެ އެވެ.
ފާތުން މިސްއަކީ އެންމެ ފުރަތަމަ ހދ އޭއީސީގައި ސެން ކްލާސްތައް ފަށައިގަތްއިރު އެކުދިންނަށް ކިޔަވައިދޭން އުޅުނު 2 ޓީޗަރުންގެ ތެރެއިން އެއް ޓީޗަރެވެ. އަދި މިއަދާ ހަމައަށް އެއްވެސް ދުވަހަކު ސްކޫލަށް ގަޑި ޖެހިފައިނުވާ މި މަސައްކަތުގައި ދެ ގޮތެއްނުވެ ސެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ދާއިރު މިހާ ހިސާބަށް އާދެވުނީ ވަރަށް ބުރަ މަސައްކަތުންނެވެ.
މުޖުތަމައު މިހާރު އެފަދަ ކުދިންނާ ދޭތެރޭ ކުރިއަށްވުރެ ހޭލުންތެރިވެ، އެކުދިން ބަލައިގަތް ނަމަވެސް ފާތުން މިސް އެ މަސައްކަތް ފަށައިގަތްއިރު އެފަދަ ކުދިންނާއި ދޭތެރޭ މީހުންގެ އަމަލުތައް ވަރަށް ތަފާތެވެ. އެކުދިންގެ އިތުރުން އެކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށްވެސް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވިކަން ފާތުން މިސް ވާހަކަތަކުން އެނގިގެން ދިޔައެވެ. އަދި އެއިރު ބެލެނިވެރިންވެސް މިފަދަ ކަންކަމަށް ހޭލުންތެރިވެފައި ނެތުމަކީވެސް ދިމާވި ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާތުން މިސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ޕްރައިމަރީގައި ކިޔަވައިދިން އިރުވެސް އުޅޭނެ އެހެންކުދިންނާ އެއްގޮތަށް ގެންގުޅެން ތަންކޮޅެއް ދަތި ކުދިން. އެހެންވުމާއެކު އެކުދިންނަށް އެހީވެދެވޭނީ ކޮންގޮތަކަށްތޯ ވިސްނާފަ ހަމަ ލިބުނު ފުރުސަތެއްގައި ސްޕެޝަލް އެޑިއުކޭޝަންގެ ކޯހެއް ހަދައިގެން 2007 ވަނަ އަހަރު ސެން ޔުނިޓާ އަޅުގަނޑު ގުޅުނީ" ސެން ޓީޗަރަކަށްވުމަށް ބޭނުންވި ސަބަބު ފާތުން މިސް ކިޔައިދިނެވެ.
ފުރަތަމަ ސެން ކްލާސްތައް ފެށީ 2007 ވަނަ އަހަރު ރަށުތެރޭގައި ސާވޭއެއް ހެދުމަށްފަހު، ބެލެނިވެރިން އެއްވެސް ތަނަކަށް ނުފޮނުވާތިބި އެކި އުމުރުފުރާގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ގެނެސްގެން ކަމަށާއި އެއިރު ކްލާހުގައި ތިބީ 12 ކުދިންކަމަށް ފާތުން މިސް ވިދާޅުވި އެވެ. އެއިރު ސެން ކްލާސް ފެށީ 2 ޓީޗަރުންނާއެކު ކަމަށާއި ފުރަތަމަ ކްލާހަށް ގެނައި ކުދިންގެ ތެރޭގައި އަމިއްލައަށް ޒިބް އަޅުވާލާ ބޫޓްގެ ނާޑުވާ އައްސާލަން ނޭނގޭ ކުދިންވެސް ތިބިކަމަށް ފާތުން މިސް ކިޔައިދިނެވެ.
ސެން ކްލާސް ފެށިއިރު ބައެއް ބެލެނިވެރިންވެސް މުޖުތަމައުންވެސް މިކަން ބަލައި ނުގަންނަކަން ފާހަގަކޮށް ފާތުން މިސް ވިދާޅުވީ އެފަދަ ކުދިންނަށް ކިޔަވައިދޭ ޓީޗަރަކު ފެނުމުންވެސް ދިމާލަން އެއީ "މިވެނިވައްތަރެއްގެ" ކުދިންނަށް ކިޔަވައިދޭ ޓީޗަރެކޭ ބުނާކަމަށެވެ. އެފަދަ ދަރިވަރުންނަށް ކިޔަވައި ދިނުމުގައި ދިމާވާ އެންމެ ބޮޑު އަނެއް ދައްޗަކީ ފާތުން ވިދާޅުވީ މިދާއިރާއިން ޓީޗަރުން ހޯދުމުވެ. ސެން ޓީޗަރުން ހޯދަން ދަތިވާކަމަށާއި ނަމަވެސް މި ދާއިރާއަކީ ހިތްވަރާއެކު ކުރިއަށްދާ ހުރި ކުއްޖަކަށް މިއީ ގިނަ ފުރުސަތުތަކެއް ލިބޭނެ، އަދި ކުރިއަށްދާން ވަރަށް ރަނގަޅު ދާއިރާއެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިދާއިރާއިން ކުރިއަށް ދާން ވިސްނާ ކުއްޖެނަމަ އެބަހުރި ބިހޭވިއަލް ތެރަޕިސްޓުންނަށް ވެގެން އޮކިއުޕޭޝަނަލް ތެރަފިސްޓުންނަށް ނުވަތަ ސްޕީޗް ތެރަޕިސްޓުންނަށް ވެގެން މިކަހަލަ ދާއިރާއަކުން ކިޔަވައިގެންވެސް ހަމަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭވޭނެ." މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ހުރި ފުރުސަތުތައް ފާތުން މިސް ހިއްސާކޮށްލި އެވެ.
މިހާރު އެފަދަ ކުދިންނާ ދޭތެރޭ ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެރިފައިވާކަމަށާއި ސްކޫލް ތެރޭގައިވެސް ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކު މެއިން ސްޓްރީމް ކްލާހެއްގައި ކިޔެވިނަމަވެސް އެހެން ދަރިވަރުންގެ ފަރާތުންވެސް އެ ކުއްޖާއަށް ވަރަށް އެހީތެރިވެދޭކަން ފާތުން އުފަލާއެކު ފާހަގަކުރި އެވެ.
ފާތުން މިސް ވިދާޅުވީ އެފަދަ ދަރިވަރުންނަށް ކިޔަވައިދިނުމަށް ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިވީ ނަމަވެސް އެންމެ އުފާވަނީ އެފަދަ ކުދިންނަށް އެއްޗެއް އުގަންނައިދެވުމުން ކަމަށާއި ކިޔައިދޭ އެއްޗެއް ކުދިންނަށް ދޭހަ ވެއްޖެކަން އެނގުމުން އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި ކުރިއާ ބަލާފައި ދަރިވަރުން ބިހޭވިއަލް އިޝޫތައް އަންނަލެއް ވަރަށް މަދު ކަމަށާއި ސަބަބަކީ ބެލެނިވެރިންވެސް އިތުރަށް ހޭލުންތެރިވެ ގޭތެރެގައިވެސް އެކުދިންނަށް އިތުރަށް ކަންކަން ދަސްކުރުމުގެ ފުރުސަތު ފަހިވެފައި ވުންކަމަށެވެ.
ސްކޫލުގެ ސަންޝައިން ކުލާހުން 60 ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކޮށްފައިވާކަން ފާހަގަކޮށް ފާތުން މިސް ވިދާޅުވީ މިވަގުތު އެކި އެކި ޕްރޮގުރާމްގައި 40 ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ކަމަށެވެ. އަދި ސްކޫލަށް ނާދެވޭވަރު ކުއްޖެއް ހުރިކަން ސްކޫލަށް އެނގޭނަމަ ކިޔެވުމަށް ބޭނުންވާ ތަކެތި ކުއްޖާއަށް ފޯރުކޮށްދޭ ކަމަށާ ރަށުތެރެ ބަލައިގެން ސްކޫލަށް ގެންނަށް އުމުރުފުރާގެ ކުއްޖެއް އުޅޭނަމަ އެކުދިން ސްކޫލަށް ގެނެސްގެންވެސް ކިޔަވައިދީފަ ހުންނާނެކަން ފާތުން މިސް ފާހަގަކުރިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާއިރު އަދިވެސް އެކުދިންނާމެދު ފާތުން ދެކޭ އުންމީދުތައް ގިނައެވެ. އެގޮތުން މުޖުތަމައުގެ ތެރޭގައި އެކުދިންނަށް އެހެން ކުދިންނެކޭ އެއް ފަދައިން އުޅެވޭނެ ދުވަހެއް ފެނުން އެއީ އެންމެ ބޮޑު އުންމީދުކަމަށް ފާތުން މިސް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑު އެންމެ ދެކެން ބޭނުންވަނީ މުޖުތަމައުގައި މިކުދިންނަށް ކޮންމެ ތާކަށްވެސް އެކްސެސް ވެވޭނެގޮތެއް ހަމަބޭނުންވޭ. މަގުމަތީގަވެސް އަމިއްލައަށް ހިނގާލާފަ ގޮސް އެއްވެސް އުދަގުލެއްނެތި، އޮފީސްތަކަށްވެސް ވަދެވެން އެބަޖެހޭ. އެކަމަކު މިހާރުގެ ހާލަތުން ނެތްތާ ވަދެވޭކަށް. ދެން މިފަދަ ކުދިންނަށް ވަޒީފާ ލިބެން. ވަޒީފާގެ ފުރުސަތު ހުރިހާ ކުދިންނަށްވެސް ލިބެންބޭނުންވޭ. ތައުލީމީ ގޮތުން މިކުދިން އަޅުގަނޑުމެން ބޭނުންވާ ފެންވަރު ނުހުރެދާނެ އެކަމަކު ކޮންމެ ކުއްޖެއްގެވެސް ކޮންމެވެސް ހުނަރެއް ހުންނާނެ ރަނގަޅު." ފާތުން ވިދާޅުވި އެވެ.
އެ ހުނަރު ހޯދައި މުދައްރިސުންވެސް ދަރިވަރުންނަށް ކިޔަވައިދޭ އިރު ފިލާވަޅުތައް ބައްޓަން ކުރަންވާނީ އެކަމަށް ރިއާޔަތްކޮށްކަމަށް ފާތުން މިސް ވިދާޅުވި އެވެ.
ދަރިވަރުންނަށް ޓީޗަރުންގެ ސަޕޯޓް ލިބޭފަދައިން، ޓީޗަރުން ކުރަމުންދާ މަސައްކަތުގައި ދެމިހުރެވެނީވެސް ވަރަށް ގިނަބައެއްގެ ސަޕޯޓު ލިބިގެންނެވެ. އެގޮތުން ފާތުންމިސް ވެސް އެގޮތުގައި ދެމިހުރުމަށް ބޮޑު އެހީތެރިވިފަރާތްތަކަށް ޝުކުރުއަދާކުރި އެވެ. އެގޮތުން ހާއްސަ ގޮތެއްގައި އާއިލާ މަންމަ، ބައްޕަ، އެއްބަނޑު ކުދިން، ފިރިމީހާ، އަދި ދަރިން ގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ސްކޫލުގެ މުދައްރިސުން، ސުކޫލްގެ އެންމެހާ ސްޓާފުންނާއި، މެނޭޖްމެންޓުން އަދި ޕްރިންސިޕަލްގެ ފަރާތުން ލިބެމުންދާ އެއްބާރުލުންވެސް ފާތުން ފާހަގަކުރެއްވި އެވެ. އަދި އިންކުލޫސިއު ޑިޕާރޓްމެންޓު ގެ ބޭފުޅުން މިދާއިރާގާއި ވަރައްގާތްކޮށް މަސައްކަތް ކުރައްވާ މާލޭ، އައްޑޫ، ފުވައްމުލަކު ސުކޫލްތަކުގެ ލީޑިން ޓީޗަރުން ޑިޕާޓްމެންޓްގެ ކުރީގެ ޑީޖީއާއި ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުންވެސް ފާހަގަ ކުރެއްވި އެވެ.