twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ދެ ބަގީޗާގެ ސާހިބު މީހާގެ ވާހަކަ: ކަހަފު ސޫރަތުން

ހ.މ
May 8, 2022

ކަހަފު ސޫރަތުގައި އައިސްފައިވާ ދެވަނަ ވާހަކައަކީވެސް ޢިބުރަތުން ފުރިގެންވާ ވާހަކައެކެވެ.

މާތްﷲ ގެ ދީލަތި ރަޙްމަތުން، ދެބަގީޗާ ދެއްވާފައިވާ މީހެއްވިއެވެ. އެއީ މޭބިސްކަދުރުގެ ދެބަގީޗާއެވެ. އަދި އެ ދެބަގީޗާގެ ވަށައިގެން ކަދުރު ރުއްތައް ވެއެވެ. ދަނޑު ގޮވާންވެސް ވެއެވެ. އަބަދުވެސް އެ ދެބަގީޗާއިން މޭވާ އައިސް އައިސް ހުއްޓެވެ. ދެބަގީޗާގެ ދެމެދުން ފެންދެމޭ ކޯރެއްވެސް ލައްވާފައިވެއެވެ. އަދިވެސް އޭނާއަށް މުދާތަކާއި ތަނަވަސްކަން ދެއްވާފައިވެއެވެ.

އޭނާއަށް ލިބިފައިވާ ތަނަވަސްކަމާ މުއްސަނދިކަން އޭނާގެ ހަލާކެއް ކަމުގައިވިއެވެ. ހިތުތެރޭގައި ބޮޑާކަމާއި ކިބުރުވެރިކަން އުފެދުނެވެ. އެތަކެތި ދެއްވި ފަރާތުގެ މަތިން އޭނާ ހަނދާން ނެތުނެވެ. އެތަކެއްޗާއި މެދު ފަޚުރުވެރިވެ އޭނާގެ އެކުވެރިޔާއަށް ބުނެ އުޅުނެވެ. ކަލެޔަށްވުރެ އަހަރެންގެ މުދާ ގިނައެވެ. އަދި އަހުރެންގެ ދަށުގައި މަސައްކަތް ކުރާ މީހުން ގިނައެވެ. އަހުރެން ގަދަފަދަވެފައި ޢިއްޒަތްވެސް ބޮޑެވެ.

ބަގީޗާއަށް ވަންނަމުން އޭނާ ބުންޏެވެ. ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެ ކަމަށް އަހުރެން ހީއެއް ނުކުރަމެވެ. ޤިޔާމަތް ވާނޭ ކަމަށްވެސް އަހުރެން ހީއެއް ނުކުރަމެވެ. އަދި އަހުރެންގެ ވެރި ރަސްކަލާނގެ ހަޟްރަތަށް ރައްދުކުރެއްވިޔަސް މިއަށްވުރެ ރަނގަޅު ގޮތް، އަހުރެންނަށް ފެންނާނެކަން ކަށަވަރެވެ.

ޖަވާބުގައި އޭނާގެ އެކުވެރިޔާ ބުންޏެވެ. ކަލޭ ހައްދަވައި ގެންގުޅުއްވާ އިލާހަށް ކަލޭ ކާފިރުވީ ހެއްޔެވެ؟ އަހުރެން އަހުރެންގެ ވެރި ﷲ އަށް ޝަރީކެއް ނުކުރަމެވެ. ކަލޭގެ ބަގީޗާއަށް ވަންނަމުން ﷲ އިރާދަ ކުރެއްވި ކަމެއްވާނޭ ބުނިނަމަ ކިހައި ރަނގަޅު ހެއްޔެވެ.

އެއްވެސް ބާރެއް އަރަހުށި ﷲގެ ހަޟްރަތުން މެނުވީ ނުވެއެވެ. އަހުރެންގެ މުދަލާއި ދަރިން މަދުކަމުގައި ކަލެޔަށް ފެނުނަސް މެއެވެ.

ދެންފަހެ މާތްﷲ އޭނާގެ މުދާތައް (ބަގީޗާއާއެކު) ހަލާކު ކުރެއްވުމަށް އިރާދަ ކުރެއްވިއެވެ. އެހިނދުން އެތަކެތި ހަލާކުވެ ހިނގައްޖެއެވެ. ބަގީޗާގެ ގަސްތައް އަށިގަނޑުތަކާއިއެކު ވެއްޓިފައިވާ ޙާލު، އެބަގީޗާ ހެއްދުމަށް ކުރި ޚަރަދުތަކުގެ މައްޗަށް ހިތާމައިން ބުންޏެވެ. އަހުރެންގެ ވެރި ރަސްކަލާނގެއާ އެކަކުވެސް އަހުރެން ޝަރީކު ނުކުރިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟

މި ވާހަކައިން ލިބޭ ޢިބުރަތް ތަކުގެ ތެރޭގައި، މުދަލާއި ދަރިންނަކީ ދުނިޔެވީ ދިރިއުޅުމުގެ ޒީނަތްތެރި ކަމުގެ ތެރެއިންވާ ކަންތައްތައް ކަމެވެ. ނިމުމެއް ނެތް ދާއިމީ ދުނިޔެއަށް ދެމިގެންދާނީ ޞާލިޙް ރަނގަޅު ޢަމަލުތައް ކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355