twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހައްޖަށް ގެންދިއުމުގައި މަކަރުހަދާނަމަ ބޮޑު ޖޫރިމަނާއެއް

May 19, 2022

ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގައި މަކަރު ހަދާ ކުންފުނިތައް 500،000 ރުފިޔާއާއި ހަމަޔަށް ޖޫރިމަނާ ކުރަން ނިންމާ އާ އުސޫލު އެކުލަވާލާ އަމަލު ކުރަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ގެޒެޓްކުރި އާ އުސޫލުގައި ވަނީ ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން، އެ އުސޫލާ ހިލާފަށް ކަންކަން ކުރާ ނަމަ ޖޫރިމަނާ ކުރެވޭނެ ތިން ގޮތެއް ހިމަނާފައިވެއެވެ.

އެ 3 ގޮތަކީ:

  • ފުރިހަމަކުރަން ޖެހޭ އިދާރީ އެއްވެސް ކަމެއް ފުރިހަމަ ނުކޮށްފި ނަމަ 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  • އުސޫލާ ހިލާފަށް ހައްޖުވެރިންގެ އަތުން ފައިސާ ނަގައި، ކޮށްގެން ނުވާނެ ކަމެއް ކޮށް، ސުލޫކީ މިންގަނޑާ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ 30،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދުކުން ޖޫރިމަނާކުރުން.
  • ކުންފުނީގެ އިހުމާލުން ހައްޖުގެ އަޅުކަން އަދާނުކުރެވިއްޖެ ނަމަ އަދި ހައްޖުވެރިންގެ އަތުން ނެގި ފައިސާ އަށް ހިޔާނާތްތެރިވެއްޖެ ނަމަ، 75،000ރ. އާއި 500،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

ހައްޖުގެ އިތުރުން އުމްރާއަށް ގެންދާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ބައެއް ކުންފުނިތަކުން ފައިސާ ހޯދާފައިވާ މައްސަލަ މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.

އާ އުސޫލުގެ ދަށުން ހައްޖަށް މީހުން ގެންދިއުމާއި ގުޅޭ ކަންކަން މޮނީޓަރުކޮށް ބެލެހެއްޓުމަށް، އިސްލާމިކް މިނިސްޓްރީގެ ދަށުން "މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް" ގެ ނަމުގައި އާ އޮފީހެއް ހަދަން ޖެހެއެވެ.

މި އޮފީސް ގާއިމްކުރުމުގެ ބޭނުމަކީ ރާއްޖެއިން ޙައްޖަށް ދާ މީހުންނާއި އެ މީހުން ގެންދާ ކުންފުނިތައް ސައުދީ އަރަބިއްޔާގައި އުޅޭ ދުވަސްވަރު މައްކާ އާއި މަދީނާގައި މިނިސްޓްރީން ކުރަން ޖެހޭ ރަސްމީ މަސައްކަތްތައް ކުރުމަށް ހަދަންޖެހޭ އޮފީހެއްކަމަށް އުސޫލުގައިވެއެވެ.

މި އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހައްޖު މޫސުމުގައި ހައްޖުގެ ކަންތައްތަކާ ގުޅިގެން ސައުދީގެ ހައްޖާ ބެހޭ މިނިސްޓްރީ އާއި އެ ގައުމުގެ ރަސްމީ އެހެން އިދާރާތަކާ ގުޅިގެން، ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ހަމަހަމަކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުން ހިމެއެވެ.

މީގެ އިތުރުން ހައްޖު މިޝަން ހެދުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އެ މިޝަނަށް ބޭނުންވާ ފާސްތައް ހެއްދުން، ހައްޖުވުމަށް ސައުދީ އަށް ގޮސް ތިބޭ ދިވެހިންނަށް ދިމާވާ މައްސަލަތަކާ ގުޅިގެން ދޭން ޖެހޭ އިރުޝާދު ދިނުމާއި އެހީތެރިވުން، ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް އެދި ކުންފުނިތަކުން ހުށަހަޅާ ޕްރޮޕޯޒަލްގައި ހައްޖަށް ދާ މީހުންނަށް ދޭން ކަނޑައަޅާފައިވާ ހިދުމަތްތައް ދޭތޯ ބެލުން، ހައްޖުގެ މަނާސިކުތައް، ހައްޖުވާން ގޮސް ތިބޭ މީހުންނަށް ފުރިހަމަކޮށްދޭތޯ ބެލުން އަދި ހައްޖުވާން ގޮސް ހުރި މީހަކު ގެއްލި، ބަލިވެ، ނުވަތަ ނިޔާވެއްޖެ ނަމަ، އެކަމާ ގުޅިގެން ކުންފުނިތަކަށް ބޭނުންވާ އެހީތެރިކަން ދިނުން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355