twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކައުންސިލްތަކަށް ގެސްޓްހައުސްއާއި ފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފި

ޚަދީޖާ އާދަމް
May 19, 2022

ކައުންސިލްތަކަށް ގެސްޓްހައުސް ހިންގުމާއި އަސާސީ ތަކެތި ވިއްކާ ފިހާރަތައް ހުޅުވުމަށް ހުއްދަ ދީފިއެވެ. މި ހުއްދަ ދީފައިވަނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާބެހޭ ގަވާއިދުގެ ދަށުންނެވެ.

އެ ގަވައިދަށް ގެނައި އިސްލާހު އިކޮނޮމިކް މިނިސްޓްރީން އާންމު ކޮށްފައިވާއިރު ގަވައިދުގައިވާ ގޮތުން ކުންފުނިން ފައިސާ ބަލައިގަނެ، ފައިސާ ހަރަދުކުރަންވާނީ، ކުންފުނީގެ މުއާމަލާތުތަކަށް ހުޅުވައިފައިވާ ބޭންކު އެކައުންޓު މެދުވެރިކޮށެވެ.

މީގެ އިތުރުން ކުންފުނީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ހިންގާ ވިޔަފާރި ހަރަކާތްތައް ބެހިގެންދާނީ ދެބަޔަކަށް ކަމަށް އިސްލާހުގައިވެއެވެ. އެގޮތުން ސިޓީއެއްގައި ނުވަތަ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިނުކުރާ ދާއިރާތައް ހިމެނޭހެން ޖުމްލަ 15 ހަރަކާތެއް އެކުލެވޭ ޖަދުވަލެއް އިސްލާހުގައި ވެއެވެ. އޭގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލްތަކަށް ހުއްދަ ވިޔަފާރި ހަރަކާތްތައް ހިންގޭނެއެވެ.

އޭގެ ތެރޭގައި ތައުލީމު ދޭ ތަންތަން، ހޮސްޕިޓަލު، ކްލިނިކް، ގެސްޓްހައުސް ނުވަތަ ޓޫރިސްޓު ހޮޓެލް، އެއާޕޯޓު ހިންގުން، ފާމަސީ ހިންގުން އަދި އަސާސީ ތަކެތި ވިއްކާ ފިހާރަ ހިންގުން ހިމެނެއެވެ.

ދެވަނަ ބާވަތުގެ ވިޔަފާރި ހަރަކާތަކީ އެ ސިޓީއެއް، ރަށެއް އަދި އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރި ކުރި ނަމަވެސް، އެކަށީގެންވާ މިންވަރަށް މުދާ ނުވަތަ ހިދުމަތް ފޯރުކޮށްނުދެވޭ ދާއިރާތަކެވެ. އޭގެތެރޭގައި ތައުލީމު ދޭ ތަންތަން، ކުނި މެނޭޖް ކުރުން، ހޮސްޕިޓަލް އަދި ކްލިނިކް ހިންގުން ހިމެނެއެވެ.

އެ ދެބާވަތުގެ ވިޔަފާރި ހަރަކާތްތައް ހިންގަން އުފައްދާ ކުންފުންޏެއްގައި ވެސް ކައުންސިލުތަކުގެ 100 އިންސައްތަ ހިއްސާ ވެވޭނެކަމަށް ގަވައިދުގައި ބަޔާން ކޮށްފައިވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމަށްޓަކައި ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާއެކު ވިޔަފާރި ކުރުމުގެ ބާރު ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355