ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ބޭރުގެ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލަށް އެއް އަހަރުފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން 1000 ފްލެޓް ތަރައްގީކުރުމަށް ބޭރުގެ ބަޔަކާ ވާހަކަދައްކަމުންދާ ކަމަށާ މިހާރު ކުރިއަށްދަނީ އަގުގެ މަޝްވަރާތަކެއްކަމަށް ވިދާޅުވި އެވެ.
ބޭރުގެ ފަރާތްތަކާއެކު މި މަޝްވަރާތައް ސިޓީ ކައުންސިލުން ކުރަމުންދަނީ ސަރުކާރާއެކު އެވެ. މޭޔަރު ވިދާޅުވީ އިރާދަކުރެއްވިއްޔާ މި މަޝްރޫއުވެސް ކާމިޔާބުކުރެވޭނެ ކަމަށެވެ.
މަޝްވަރާތައް ކުރަމުންދަނީ ކޮން ގައުމެއްގެ ކޮން ބަޔަކާއެކު ކަމެއް މޭޔަރު ހާމައެއްނުކުރައްވަ އެވެ.
2012-2018 ވަނަ އަހަރާ ދެމެދު ބޯހިޔާވަހިކަމުގެ އެއްވެސް މަޝްއޫރުއެއް ކުޅުދުއްފުށީގައި ހިންގާފައިނުވާތީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ގިނަ ބަޔަކު ތިބިކަން މޭޔަރު ފާހަގަކުރެއްވި އެވެ. އެގޮތުން މޭޔަރުގެ އަންދާޒާގައި ބޯހިޔާވަހިކަމަށް ބޭނުންވާ 2000 އެއްހާ މީހުން ކުޅުދުއްފުށީގައި އެބަ ތިއްބެވެ.
ބޯހިޔާވަހިކަމަށް ގިނަ ޒުވާނުން އެދިއެދި ތިބިކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، ޕީއެސްއައިޕީގެ ދަށުން ކުޅުދުއްފުށީގައި ގާއިމުކުރުމަށް ނިންމި 200 ހައުންސިންގ ޔުނިޓްގެ މަސައްކަތް ސަރުކާރާ ވާހަކަދައްކައިގެން 400 ޔުނިޓަށް ބަދަލުކޮށްފައިވާކަމަށާ މިހާރު އެ ހައުންސިންގ ޔުނިޓްތައް ޓެންޑާ ކުރެވި ބިޑް އިވެލްވޭޝަން މަރުހަލާގައިވާކަމަށް މޭޔަރު ވިދާޅުވި އެވެ.
އަދި ހަމައެއާއެކު ހުއްޓިފައިހުރި ރޯހައުސްތަކުގެ މަސައްކަތްވެސް ސަރުކާރާއެކު ކުރިއަށްގެންދެވި 40 ރޯހައުސް މަރާމާތުކުރެވި ރައްޔިތުންނާ ހަވާލުކުރެވިފައިވާ ކަމަށާއި އޭގެ އިތުރުން މަސައްކަތް ހުއްޓިފައިވާ 105 ރޯހައުސް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާކަން މޭޔަރު ފާހަގަކުރެއްވި އެވެ.