twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޑަބްލިއުޑީސީގެ ބައި އިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން ބާއްވަން ހުށައަޅައިފި

ޚަދީޖާ އާދަމް
May 25, 2022

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބަޖެޓަށް ބާރުބޮޑުވާތީ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން އިންތިޒާމުކުރާ ގޮތަށް ބަދަލުކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަޖިލީހަށް ހުށަހަޅައިފި އެވެ.

އަންހެނުންގެ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް ގިނަވެ، އީސީ އަށް މި އަހަރަށް ކަނޑައެޅި ބަޖެޓު އަހަރު ދެބައިނުވަނީސް ހުސްވާން ކައިރިވެފައިވާ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ އިންތިހާބުތަކުގައި ދިމާވާ ދަތިތަކާއި އެ ކޮމެޓީގެ މެމްބަރުންގެ މަސްއޫލިއްޔަތުތަކާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ ކަމާގުޅޭ އިދާރާތަކާ ބައްދަލުކޮށްފަ އެވެ. އެލްޖީއޭގެ އިތުރުން އެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހާއި ޖެންޑާ މިނިސްޓްރީ އަދި އީސީން ބައިވެރިވި އެވެ.

އެ ކޮމިޓީގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވަނީ، ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ބަދަލުކުރުމަށް އީސީގެ ހުށަހެޅި ހުށަހެޅުމެއް ތާއީދުކުރައްވައި، އިތުރު އިހުތިޔާރެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެއީ އަންހެނުންގެ ކޮމެޓީތަކުގެ މައި އިންތިހާބު އީސީން ބާއްވާފައި، ބައި އިލެކްޝަންތައް ބޭއްވުން އަތޮޅު ކައުންސިލްތަކާ ހަވާލުކުރުމެވެ. އެއީ މިހާރު ވެސް، އެ ބައި އިލެކްޝަންތައް ބާއްވަން އީސީން ބޮޑު ހަރަދެއް ކުރަން ޖެހޭތީ ކަމަށެވެ.

މި ބައްދަލުވުމުގައި އީސީގެ ރައީސް ވިދާޅުވީ ޑަބްލިއުޑީސީތަކުގައި މަސައްކަތްކުރާ ތިނެއް ނުވަތަ ހަތަރު މެމްބަރުން ކޮންމެ މަހަކު ވެސް އިސްތިއުފާދޭ ކަމަށެވެ. އަދި މިއިން ކޮންމެ ފަހަރަކު ވެސް ބައި އިލެކްޝަނަށް 150،000ރ. ހަރަދުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބައި އިލެކްޝަންތަކުގެ ބަޖެޓް ބޮޑުނުކުރަން ފިނޭންސް މިނިސްޓްރީން އޮތީ އަންގައިފަ އެވެ.

މިދިޔަ އަހަރު އީސީން ވަނީ އަންހެނުންގެ ކޮމެޓީތަކުގެ 11 ބައި އިލެކްޝަން ބާއްވައިފަ އެވެ. މި އަހަރު މިހާތަނަށް އެކަނި ވެސް 10 ބައި އިލެކްޝަން ބޭއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355