twitterviber whatsapp telegramfacebookyoutube instagram
5th May 2024

ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާންކޮށްފި

ޚަދީޖާ އާދަމް
May 26, 2022

ރެކްރޫޓިން އެޖެންސީތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން އަދި މެޑިކަލް އޮފިސަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ވަކިވަކިން ކުރި އިއުލާންތަކުގައި ވަނީ 100 އެއްހާ ބިދޭސީން އެ މަގާމުތަކަށް ބޭނުންވާ ކަމަށެވެ. ހާއްސަ ބަލިތަކަށް އެކި ދާއިރާތަކުން 25 ޑޮކްޓަރަކު ހޯދުމަށް ވެސް އިއުލާންކޮށްފައި ވެއެވެ.

ސްޕެޝަލިސްޓުންގެ ގޮތުގައި ހޯދާ ޑޮކްޓަރުންގެ އަދަދު:

- ގައިނޮކޮލޮޖިސްޓް: 3
- އެނެތެޓިސްޓް: 6
- އިންޓާނަލް މެޑިސިން: 4
- ރޭޑިއޮލޮޖިސްޓް: 9
- ޕީޑިއަޓްރިޝަން: 3

އެ މީހުންގެ އަސާސީ މުސާރައިގެ ގޮތުގައި 30،990ރ. ކަނޑައަޅާފައިވާއިރު އެކޮމޮޑޭޝަނަށް 7،000ރ. އާއި ފުޑް އެލަވަންސަށް 2،400ރ. ލިބޭނެ ކަމަށް އިއުލާނުގައި ވެ އެވެ.

އެ މަގާމުތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުގެ ގޮތުގައި ވަނީ އެމްބީބީއެސް ފުރިހަމަކުރުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރާ ތަނަކުން އެއް އަހަރުގެ އިންޓާންޝިޕެއް ހަދައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި އެއް އަހަރުގެ ތަޖުރިބާ ހުރުމެވެ. އަދި ސްޕެޝަލިސްޓެއްގެ ގޮތުގައި ވެސް އެއް އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.

ބޭރުގެ 25 މެޑިކަލް އޮފިސަރުން ހޯދުމަށް ވެސް އިއުލާނުކޮށްފައި ވާއިރު އެ މީހުން މަސައްކަތްކުރަން ޖެހެނީ ކޮވިޑް ފެސިލިޓީތަކުގަ އެވެ. އެމްބީބީއެސް ފުރިހަމަކޮށް، އިންޓާންޝިޕަށް ފަހު އެއް އަހަރުގެ ތަޖުރިބާ ހުރުމުން އެ މަގާމުގެ ޝަރުތު ހަމަވެ އެވެ.އެ މީހުންގެ އަސާސީ މުސާރައަކީ 15،090ރ. އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކު 275ރ. އާއި އެކޮމޮޑޭޝަނަށް 3،000 އަދި ފުޑް އެލަވަންސަށް 1،800ރ. ލިބެ އެވެ.

ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންގެ އިތުރުން ރާއްޖެ އިން ބޭރުން 50 ނަރުހުން ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެ މީހުން ވެސް މަސައްކަތްކުރަން ޖެހެނީ ކޮވިޑް ފެސިލިޓީތަކުގަ އެވެ. އެ މީހުންގެ އަސާސީ މުސާރައަކީ 9،060ރ. އެވެ. އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 120ރ. ގެ ސާވިސް އެލަވަންސެއް ލިބޭއިރު އެކޮމޮޑޭޝަނާއި ފުޑް އެލަވަންސަކީ 4،800ރ. އެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355