އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދޫކުރާ ބަޖެޓް މިހާރަށްވުރެ ބޮޑުކުރުމަށާއި އެކޮމެޓީ މިހާރަށްވުރެ ހަރަކާތްތެރި ކޮމެޓީއަކަށް ހެދުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އުކުޅަހުގައި ކުރިޔަށްދިޔަ ވިއަވަތި ރާއްޖޭގެ ދެވަނަ ކޮންފަރެންސްގެ އެންމެ ފަހު ސެޝަނުގައި ކޮންފަރެންސް ނިންމަވާލެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ކޮންފަރެންސްގައި ކައުންސިލު ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުން ފާހަގަކުރެއްވި ކަންކަމަށް ބަލާއިރު މައިގަނޑު ގޮތެއްގައި ހުރިހާ ފަރާތްތަކުންވެސް ފާހަގަކުރެއްވީ މާލީ ފުދުންތެރިކަން އިތުރުކުރުމުގެ ވާހަކަތައް ކަމުގައެވެ. އެގޮތުން މާލީ ބާރުވެރިކަން އިތުރުކޮށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ދިނުމުގައި މުޅި ދައުލަތުގެ އާންމުދަނީއަށް ބައްލަވަންޖެހޭކަމަށާއި އެހެންކަމުން އެކަމުގައި ކުރިޔަށްދާނެ ގޮތަކާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިހްތިސާސް ކަނޑައެޅުމުގައި ހުރި ދަތިތަކާއި ބިނާވެށި ޕްލޭން ހެދުމުގައި ހުރި ދަތިތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ މިހާރު އޮތްގޮތުން ހުރި ދަތިތަކަކީވެސް މި ކޮންފަރެންސްގައި ވަރަށްބޮޑަށް ފާހަގަކުރެއްވިގެންދިޔަ ވާހަކަތަކެކެވެ.
މިކަންކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ބިނާވެށި ޕްލޭން ހެދުމުގައި މި ކޮންފަރެންސްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އިރުޝާދު ދެއްވެވި ލުއިގޮތްތަކުގެ ބޭނުން ހިއްޕަވައިގެން ކައުންސިލްތަކުން ބިނާވެށި ޕްލޭންތައް އެކުލަވާލައި ފާސްކުރެއްވުމަށް ފޮނުވައިދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން ލޭންޑްޔޫސް ޕްލޭންތައް ހުށަހެޅުމުން ވީހާ ވެސް އަވަހަށް ޕްލޭންތައް ފާސްކޮށްދީ ރަށުގެ ތަރައްޤީއަށް އިތުރަށް ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަގޮތްތައް ހޯދައިދެއްވުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދައިގެން ލޭންޑްޔޫސް ޕްލޭން ތައްޔާރުކުރުމުގެ މަރުހަލާ މިހާރަށްވުރެ ފަސޭހަކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ދެދުވަހުގެ މުއްދަތަށް އުކުޅަހުގައި ކުރިޔަށްގެންދިޔަ ވިއަވަތި ކޮންފަރެންސް 2 މިއަދު ނިންމާލާފައިވާއިރު މި ކޮންފަރެންސް އަމާޒުކޮށްފައި ވަނީ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށެވެ.
ކުރީގެ ކޮންފަރެންސާ ހިލާފަށް މިއަހަރުގެ ކޮންފަރެންސްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުންވެސް ބައިވެރިވެވަޑައިގަތެވެ. މިއަހަރުގެ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ބޭއްވި ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.