twitterviber whatsapp telegramfacebookyoutube instagram
19th May 2024

ސްކައުޓް ހަރަކާތް އިތުރުކޮށްގެން މުޖްތަމައުގައި ހުރި އިޖްތިމާއީ ގިނަ މައްސަލަތައް ހައްލުވާނެ: ރައީސް

ނަބީލާ އިސްމާޢީލް
May 31, 2022

ސްކައުޓް ހަރަކާތް ރާއްޖޭގައި މިހާރަށްވުރެ ފުޅާ ކުރެވިއްޖެނަމަ ދިވެހި މުޖްތަމައުގެ ތެރޭގައި ހުރި އިޖްތިމާއީ ގިނަ މައްސަލަތަކަށް ހައްލުހޯދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހި ސްކައުންޓް ހަރަކާތަށް 66 އަހަރުފުރޭ މުނާސަބާ ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ސްކައުޓް ގާލާ ނައިޓްގައި ޗީފް ސްކައުޓްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސްކައުޓް ހަރަކާތް މިހާރަށްވުރެ ފުޅާކުރެވިއްޖެނަމަ ދިވެހި މުޖްތަމައުގައި އަށަގަނެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު ކުށްތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ޖިންސީ ގޯނާގެ މައްސަލަތަކަށް ވެސް، އެދެވޭ ހައްލެއް ފެންނާނެ ކަމަށް ޤަބޫލުފުޅު ކުރެއްވޭކަމުގައެވެ.

ރާއްޖޭގައި ސްކައުޓް ހަރަކާތް މިހާރު ކުރިޔަށްދާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މި ހަރަކާތް އާންމުގޮތެގައި ކުރިޔަށްގެންދަނީ ސްކޫލް ކުދިންގެ މެދުގައި ގްރޭޑް 10 ނުވަތަ ގްރޭޑް 12 ނިމެންދެން ކަމުގައެވެ.

އެއަށްފަހު އެފަދަ އެއްވެސް ހަރަކާތެއްނެތި ހުސްކަމެއްގެ ތެރޭގައި ކުދިން ތިބެންޖެހުމުން މަސްތުވާތަކެއްޗާއި ގޭންގްކުށްތަކާއި އަދި އެ ނޫންވެސް މުޖުތަމައުގައި ހުރި ނުރަނގަޅު ކަންކަމުގެ ތެރެއަށް ކުދިން ވަންނަން މެދުވެރިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޒުވާނުންގެ ތެރޭގައި، މިފަދަ ހުސްކަމެއްގައި ބާކީވެފައި ތިބި ޒުވާނުންނަށް ސްކައުޓް ހަރަކާތް އަމާޒުކުރެވިއްޖެ ނަމަ، ނޭދެވޭ ކަންކަމާ ޒުވާނުންދުރުކޮށް، އެފަދަ ކަންކަމުގެ ތެރޭގައި ޝާމިލުވާ ޒުވާނުންގެ އަދަދު މަދުކުރެވިދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ސްކައުޓް ހަރަކާތުގެ ހަގީގީ ބޭނުމަކީ މިފަދަ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދީ ގައުމު ބިނާކުރުމަށް އަހުލުވެރިވެފައިވާ ޒުވާނުންތަކެއް ތައްޔާރުކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެހެންމެ ސްކައުޓް ހަރަކާތުގެ ބާނީ ކުރެއްވި މަސައްކަތަކީވެސް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ޤާބިލު، އަދި ޤައުމުދެކެ ލޯބިވާ، ޤައުމުގެ ދިފާއުގައި މަސައްކަތްކުރާ ޒުވާނުންތަކެއް ބިނާކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމަށް އަމާޒުކޮށްގެން ސްކައުޓް ހަރަކާތްތައް ރާއްޖޭގައި ފުޅާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް ވިސްނުން ގެންގުޅުއްވުމަށް ސްކައުޓް ހަރަކާތުގެ އިސް ބޭފުޅުންނާއި ސްކައުޓް ކައުންސިލުގެ ބޭފުޅުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ސްކައުޓުންގެ ފަރާތުން އެމަނިކުފާނަށް ހުށައަޅުއްވާފައިވާ ކަންކަމަށް މިހާރުވެސް ސަރުކާރުން އަމަލީ ސިފަ ގެންނަވާކަން ފާހަގަކުރައްވައި ސްކައުޓުން ކޭމްޕް، ޖަމްބަރީފަދަ ހަރަކާތްތައް ބޭއްވުމަށް ކުރިންވެސް އޮތްފަދައިން މާލެ ކައިރި ސަރަހައްދުން ދަތުރުދާނެ ރަށެއް އެޑިއުކޭޝަން މިނިސްޓްރީއާ ލަސްތަކެއްނުވެ ހަވާލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ޖަލްސާގައި، ސްކައުޓް ހަރަކާތުގެ އެންމެ މަތީ ޝަރަފުކަމުގައިވާ "ސިލްވަރ ޓޫނާ" އެވޯޑް ހާސިލުކުރެއްވި ސްކައުޓުންނާއި ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް ހާސިލުކުރި ސްކައުޓުންނަށް ބެޖާއި ޝަރަފުގެ ލިއުން ހަވާލުކޮށްދެއްވީ ޗީފް ސްކައުޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355