ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އެޑިއުކޭޝަން މިނިސްޓްރީއާއެކު ސްކޫލް ކުދިންގެ މެދުގައި ނަފްސާނީ ބަލިމަޑުކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުރަމުންދާކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑޮކްޓަރ ނާޒްނީން އަންވަރު މިއަދު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
މި ޒިޔާރަތުގައި ރައީސް ވަނީ ނަފްސާނީ އެހީތެރިކަންދިނުމުގެ ދާއިރާއަކީ މިހާރު ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އެކަމަށް އަލި އަޅުއްވާ ޑރ ނާޒްނީން ވިދާޅުވީ ސަރަޙައްދުގައި ރަނގަޅު ފެންވަރުގެ ތަޖުރިބާކާރު ސައިކޭޓްރިސްޓުން މަދުކަމަށާއި ޑަބްލިއުއެޗްއޯއިން އިސްނަގައިގެން މެންޓަލް ހެލްތް އެކްޝަން ޕްރޮގްރާމްގެ ތެރެއިން މިކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސއ ވަނީ ރާއްޖޭގައި ތިބި ނާޒުކުގިންތިތަކުގެ މީހުންނަށް އަދި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި ޑަބްލިއުއެޗްއޯއިން ދެއްވާ ސަމާލުކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެއަށް ވެދެއްވި އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަށްޓަކައިވެސް ޑރ ނާޒްނީން އަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.