ޓެކާސް މޯލްޑިވްސް ކަޕްގެ ފައިނަލުގައި ގދ. ވާދޫއާއި ކުޅުދުއްފުށި ސިޓީ ބައްދަލުކުރާ މެޗަކީ ކުޅުދުއްފުށީގެ ފުޓްސަލްގައި މިހާތަނަށް ކުޅެވޭ އެންމެ ވާދަވެރި އަދި އެންމެ ވަރުގަދަ މެޗަށް ވެގެންދާނެ ކަމަށް ޓީމް ކުޅުދުއްފުށީގެ ކޯޗު ސިނާން އިބްރާހިމް ބުނެފި އެވެ.
މިމަހުގެ 10 ވަނަ ދުވަހުގެ ރޭ މާލޭ ކުޑަހެންވޭރު ފުޓްސަލް ދަނޑުގައި ވާދޫއާއި ކުޅުދުއްފުށި ބައްދަލުކުރާއިރު މިމެޗު ވެގެންދާނީ ކުޅުދުއްފުށީ ފުޓްސަލް ތާރީހުގައި ވެސް ވަރަށް ވާދަވެރި މެޗަކަށެވެ. މީގެކުރިން ފުޓްސަލްގައި ގައުމީ ފެންވަރުގައި މިހާ ހިސާބަށް ކުޅުދުއްފުއްޓަށް ދަތުރުކުރެވިފައެއް ނުވެ އެވެ.
ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިން ހިމެނޭ ވާދޫ ޓީމާ ދެކޮޅަށް ކުޅުދުއްފުށިން ނުކުންނައިރު ކުޅުދުއްފުށީގެ ޓީމަށް ވާދޫ ޓީމު ހިފެހެއްޓުން ވެގެންދާނީ ވަރަށް ބޮޑު ޗެލެންޖަކަށެވެ. ކުޅުދުއްފުށި ޓީމު މިހާތަނަށް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ މުބާރާތުގެ ފުރަތަމަ މެޗުގައި ހަނިމާދޫ އަތުން އެކަންޏެވެ. ވާދޫ މިހާ ހިސާބަށް އައިއިރު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ.
މެޗުގެ ކުރިން ކޭއޯއަށް ދިން އިންޓަވިއުއެއްގައި ޓީމް ކުޅުދުއްފުށީގެ ކޯޗު ބުނީ ފައިނަލް މެޗަށް ޓީމު ކުޅުންތެރިން އަދި އޮފިޝަލުން ވަރަށް ރަނގަޅަށް ތައްޔާރު ވަމުން އަންނަކަމަށާއި ޓީމުގައި މިވަގުތު ކުދި ކުދި އިންޖަރީތައް އުޅޭ ކަމަށެވެ. އެހެންނަމަވެސް އެންމެ ކުޅުންތެރިޔަކު ފިޔަވާ ދެން ތިބި ކުޅުންތެރިން މެޗަށް ރިކަވާވާނެ ކަމަށް އުއްމީދުކުރާ ކަމަށް ސިނާން ބުންޏެވެ.
"މިމެޗު އަޅުގަނޑު ދެކެނީ ކުޅުދުއްފުށި ފުޓްސަލްގައި މިހާތަނަށް ކުޅެވޭ އެންމެ ވާދަވެރި، އެންމެ ވަރުގަދަ މެޗުގެ ގޮތުގަ." ޓީމް ކުޅުދުއްފުށީގެ ކޯޗު ސިނާން ބުނެފައިވެ އެވެ.
އިދިކޮޅުން ޖެހޭ ވާދޫ ޓީމަކީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ވަރަށް ވަރުގަދަ، ހަލުވި ޓީމެއް ކަމަށާއި ހާއްސަކޮށް ވާދޫގެ ކެޕްޓަން އަޔާޒްއަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެކަމަށް ސިނާން ބުންޏެވެ.
ސިނާން އިތުރަށް ބުނީ ވާދޫ ޓީމް ފެންނަނީ ވަރަށް އެޓޭކިން ޓީމެއްގެ ގޮތުގައި ކަމަށާއި އެޓީމު ހުއްޓުވުމަކީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމަށެވެ. އަދި އެޓީމުގެ ގޯލު ބަލަހައްޓަމުންދާ ގައުމީ ފުޓްސަލް ޓީމުގެ ކީޕަރު ޒައިދާން ވެސް ގޯލު ޖެހުމުގައި ކުޅުދުއްފުށީގެ ކުޅުންތެރިންނަށް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމަށް ސިނާން ބުންޏެވެ.
"މިމަހު 10 ވަނަ ދުވަހު މި ކުޅެވޭ ޓެކާސް ފައިނަލް މެޗު ޓީމް ކުޅުދުއްފުށިން ކާމިޔާބުކުރުމަށް އަޅުގަނޑުމެންގެ ސަޕޯޓަރުންގެ ސަޕޯޓާ ހެޔޮދުއާ ބޭނުންވާނެ." ސިނާން ބުންޏެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މެޗު ބެލުމަށް ބޯޓު ހަމަޖައްސާފައިވާއިރު މިމަހު 8 ވަނަ ދުވަހު ހަވީރު ބާދުސާހް ސަޕޯޓަރުން ގޮވައިގެން ފުރުމަށްވަނީ ހަމަޖެހިފަ އެވެ. އަދި 12 ވަނަ ދުވަހު ހަވީރު ބަހާދަރު ވަނީ ސަޕޯޓަރުން ގޮވައިގެން މާލެއިން ފުރާ ގޮތަށް ހަމަޖެހިފަ އެވެ.
އެހެންނަމަވެސް ދަތުރުގެ ހަރަދުދޭންޖެހޭނީ އެސަޕޯޓަރެއް އަމިއްލައަށް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. އަދި ޓިކެޓް ނަގަން ހަމަޖެހިފައިވަނީ އާންމުކޮށް ޓިކެޓް ނަގާ ރޫޓުންނެވެ. އަދި މިދަތުރުގައި ކައުންސިލުން ވަނީ މެޗު ބެލޭނެ ގޮތަށް ބޯޓުތައް ސެޓުކޮށްފަ އެވެ.
ކުޅުދުއްފުށި ވާދޫ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ 20:30 ގައި ކުޑަ ހެންވޭރު ފުޓްސަލް ގްރައުންޑްގަ އެވެ.