twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ހޯދަންޖެހޭ: ނައިބުރައީސް

ނަބީލާ އިސްމާޢީލް
Jun 5, 2022

ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ހޯދައި އެ ގޮތްތަކަށް ދިރިއުޅެން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

‎ނައިބުގެ ވާހަކަފުޅުގައި ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ ދުވަހެއް ފާހަގަކުރެވެނީ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކާއިމެދު ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށްޓަށް ގެއްލުންލިބޭ ކަންތައްތަކުން ދުރުހެލި ކުރުމަކީ އެންމެ މުހިންމު އެއް ބޭނުން ކަމަށް ދެކިގެން ކަމަށް ވިދާޅުވިއެވެ. އަދި ނެތިގެންދާ ވަސީލަތްތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް މިފަދަ ދުވަހެއްގައި ވިސްނަންޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި ގުދުރަތީގޮތުން ތަނަވަސްވެފައިވާ އެކިއެކި ވަސީލަތްތައް ދިރިއުޅުމުގެ ފަސޭހައަށްޓަކައި ބޭނުންހިފާއިރު އެ ވަސީލަތްތައް ގެއްލިގެން ދިއުމުން އެކަމުން ކުރިމަތިވާނެ ނުތަނަވަސްކަން ހިތަށް ނުގެވޭ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

‎ނައިބުގެ ވާހަކަފުޅުގައި ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތައް އަންނަމުންދާ ކަމަށާއި، ޖައްވު ހޫނުވެ ތަގައްޔަރު ވަމުންދާ ކަމަށާއި، ކުރީގައި އަޑުނާހާ މިންވަރަށް މި ރާއްޖޭގެ އިތުރުން އެހެނިހެން ޤައުމުތަކުގައިވެސް އުދައެރުމާއި ފެންބޮޑުވުމުގެ ހާދިސާތައް ފަދަ ޤުދުރަތީ އެކިއެކި ހާދިސާތައް ހިނގުން އިތުރުވެފައިވާ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި އެހެނިހެން ކަންކަމަށް ލިބެމުންދާ ގެއްލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއިމެދު ދުނިޔޭގެ އެކިއެކި ލީޑަރުންނާއި ތިމާވެށީގެ ހައްޤުގައި ވަކާލާތުކުރާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ އިތުރުން އެކަމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެ ހިމެނިގެންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާ ޤައުމުތަކުގެ ތެރޭގައި ކަމަށާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތަކީ ހަމައެކަނި ދެކެވޭ ވާހަކައަކަށް ވެގެން ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

‎މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހިންގާ އެންމެހާ މަސައްކަތްތަކަކީ ރައްޔިތުންގެ ހެވާއިލާބައަށް ކުރެވޭ މަސައްކަތްތަކެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މިހާރު ތަންފީޒުކުރަން ފަށާފައިވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އެ މަނިކުފާނު ވަނީ، ކުނީގެ ބާވަތްތައް ވަކި ކުރުމަށާއި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޒާތުގެ ޕްލާސްޓިކާއި ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި އެމަގުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

‎ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤޫބޫލު މަންޒިލެއްކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއަށް ފަތުރުވެރިންގެ އެހާބޮޑު ސަމާލުކަމެއް ލިބެނީ މި ރާއްޖޭގެ ޤުދުރަތީ ނިޢުމަތުގެ ސަބަބުން ކަމަށާއި މި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި، ސާފު މޫދާއި، ދޮންވެލި ތުނޑިތައް ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ވާޞިލުކޮށްދިނުމަށްޓަކައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎ރޭގެ ޖަލްސާގައި ފުވައްމުލައް ސިޓީ ބަޔޮސްފިޔަރ ރިޒަރވް ލޯގޯ އިފްތިތާޙުކުރުމުގެ އިތުރުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލޯ އެންޑް ނަން ކެމިކަލް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް"ގެ ޕްރޮޖެކްޓް ޑޮކިއުމަންޓްގައި ސޮއިކޮށްފައިވެއެވެ. މީގެއިތުރުން "އޮންލީ ވަން އާރތް" ވާހަކަ ފޮތް މުބާރާތުގެ އެއްވަނައަށް ދިޔަ ޝަރަފުއްދީން ސްކޫލުގެ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

‎ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އިއްޔެ ހަވީރު ވަނީ ފުވައްމުލަށް ސިޓީ އެއަރޕޯޓުން ފެށިގެން ތުނޑީ ސަރަޙައްދާއި ހަމައަށް ބައިސްކަލް ބުރެއް ބާއްވާފައެވެ. މި ބައިސްކަލު ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެ ވަޑައިގެންނެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355