މުހައްމަދު ދާއޫދު
ސްކޫލް ސްޓާފް ފުޓްސަލް ލީގު 2011 ގެ ޗެމްޕިއަންކަން ހަސަން ސޮބާހްގެ ހެޓްރިކާ އެކު އޮޅުކޮށި ހޯދައިފި އެވެ.
މިރޭ އޮތް މުބާރާތުގެ ފައިނަލް މެޗު އޮޅުކޮށި ޓީމުން ކާމިޔާބު ކުރީ އިދިކީލަ ބަލިކޮށް 4 ލަނޑު 2 ލަނޑުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮޅުކޮށި ޓީމްގެ ޖާރޒީ ނަންބަރ 9 އިބުރާހިމް މުހައްމަދު އެވެ.
މުބާރާތުގެެ ޗެމްޕިއަން ތަށި އަދި މުބާރާތުގެ އެެކިއެކި މަގާމް ތަކަށް ހޮވުނު ފަރާތްތަކަށް ތައްޓާއި ސެޓްފިކެޓް ބައްސަވައި ދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާން ކުޅުދުއްފުށީ ކައުންސިލް މެމްބަރު އަލީ އާދަމެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ އޮޅުކޮށި ޓީމްގެ ހަސަން ސޮބާހާއި، އަހުމަދު ހުސެއިނާއި މުހައްމަދު ރިޔާޒްގެ އިތުރުން އިދިކީލަ ޓީމުގެ އަބުދުﷲ މުހައްމަދާއި އަދި ގަސްވެއްޓި ޓީމުގެ މުހައްމަދު އަބޫބަކުރެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓް ހޯދީ އޮޅުކޮށި ޓީމްގެ ހަސަން ސޮބާހުއެެވެ. ސޮބާހް ވަނީ މި މުބާރާތުގެ ފަސް މެޗްގައި 27 ލަނޑު ޖަހާފަ އެވެ.
ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަގްޞަދަކީ ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލަކޮށް މިފަދަ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައި ދިނުމާއި މުވައްޒަފުންނަކީ ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން ކަމަށް އެފަރާތުން މުބާރާތް ކުރާ ފަރާތުން މައުލޫމާތު ދެއްވިއެވެ.