twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އަމާޒަކީ ޒަމާނީ އިލްމުގެ އަލީގައި މީހުން ބިނާ ކުރުން: ރައީސް

ރައީސް ވިދާޅުވީ ފުނަދޫ ސްކޫލަކީ ރާއްޖޭގައި އިސްލާމް އަދި ދިވެހި މާއްދާއިން ފާސްވާ ޕަސެންޓޭޖް އެންމެ މަތީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެއް ކަމުގައެ.

ނަބީލާ އިސްމާޢީލް
Jun 18, 2022

ހިލޭ ޑިގްރީއަށް އަދި ރާއްޖޭން ބޭރުން ކިޔެވުމަށް ސަރުކާރުން ފުރުސަތުތައް އިތުރުކޮށްދެއްވާފައިވާ މައިގަނޑު އަމާޒަކީ ޒަމާނީ އިލްމުގެ އަލީގައި މީހުން ބިނާ ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ށ. ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުނަދޫ ސްކޫލުގެ 50 އަހަރުގެ ދިގު ތާރީހުގައި ބިނާކޮށްދީފައިވާ އިންސާނީ ވަސީލަތްތަކަކީ އެ ސްކޫލުން މުޖުތަމައަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއްކަމުގަ އެވެ.

ފުނަދޫ އަދި އެ ސަރަހައްދުގެ އެކި ދާއިރާތަކުގައި އިސް މަޤާމުތައް މިހާރު ފުރުއްވަން ތިއްބެވީ ފުނަދޫ ސްކޫލުން ދަރިވަރުވެފައިވާ ރައްޔިތުންކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ސްކޫލަކީ ރާއްޖޭގައި އިސްލާމް އަދި ދިވެހި މާއްދާއިން ފާސްވާ ޕަސެންޓޭޖް އެންމެ މަތީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެއް ކަމުގައެވެ. އަދި ނިމިދިޔަ ދިރާސީ އަހަރު، އޯލެވެލް އިމްތިހާނުގައި އެ ސްކޫލުން ހޯދާފައިވާ ކާމިޔާބީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ތައުލީމީ ސިޔާސަތު ކުރިޔަށްގެންދާ ގޮތުގެ މައްޗަށްވެސް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ހުރިހާ ކުދިންނަށް ކިޔަވައިދީގެން ހުނަރުވެރި ފަންނުވެރި އަދި ބިނާކުރަނިވި ޖީލެއް އުފަންކުރުންކަމާ އަދި މުޖުތަމައުގެ ބަދަހިކަން ދަމަހައްޓައި، ލާމެހިގެން އުޅެން ލޯބިކުރާ ޒުވާނުންތަކެއް އުފެއްދުންކަމަށެވެ.

" ތިޔަ ކުދިން ކިޔަވާއިރުވެސް، ހަމައެކަނި ފޮތުގައި ލިޔެފައި އޮންނަ އެއްޗަކަށް ވިސްނުމުގެ އިތުރުން، ވަށައިގެން ހިނގާ ކޮންމެ ކަމަކާ މެދު ވެސް ވިސްނަންޖެހޭނެ. މުޅި މުޖްތަމައާ މެދު ވިސްނުން ހިންގަންޖެހޭނެ. މި ރަށާއި މި އަތޮޅުގެ ހާލަތާއި، އެ ހާލަތު އެއަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތްތަކާ މެދު ވެސް ވިސްނަންޖެހޭނެ" މިޖަލްސާގައި ފުނަދޫ ސްކޫލުގެ ދަރިވަރުންނަށް އިރުޝާދު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް ހެދުމުގެ މަޝްރޫއެއް ކުރިޔަށްދާކަން ފާހަގަކުރައްވައި މިހާރު ސްކޫލަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ، ސްޓާފް ރޫމެއް ހިމެނޭގޮތަށް އޮފީސް އިމާރާތެއް ހެދުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޖަލްސާގައި، ރައީސް ވަނީ ފުނަދޫ ސްކޫލު އުފައްދަވައި އެ ސްކޫލަށް ގިނަދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ރަންޔޫބީލް ޝަރަފުގެ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޝަރަފުގެ ފިލާ ލިބިވަޑައިގެންނެވީ އެ ސްކޫލުގެ ބާނީ ފުނަދޫ އަލިވާގޭ އަލް މަރްހޫމް އަބުދުﷲ އަބުދުލް ކަރީމަށާއި މަކްތަބުގެ މުދައްރިސް އަބުދުލް ހާދީ ޔޫސުފަށެވެ.

މީގެ އިތުރުން ސްކޫލަށް 15 އަހަރާއި 19 އަހަރާ ދެމެދު ހިދުމަތްކުރެއްވި ބޭފުޅުންނާއި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ބޭފުޅުންނަށް ވެސް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ފުނަދޫ ސްކޫލް އުފެދިފައި ވަނީ މަކްތަބުލް މުނީރުގެ ނަމުގައި 1972 ވަނަ އަހަރުގެ މާރޗް މަހުގެ 16 ވަނަ ދުވަހުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355