ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ދިވެހި ޕްރިމިއާ ލީގުގެ ނޯތު ލީގުގެ ހަތަރުވަނަ މެޗުގައި ހަނިމާދޫއިން އިހަވަންދޫ ބަލިކުރިއިރު ދިއްދޫއިން ފަސޭހަކަމާއެކު ނެއްލައިދޫ ބަލިކޮށްފި އެވެ.
މިއަދު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ހަނިމާދޫއިން ވަނީ އިހަވަންދޫގެ ކުލަބް ޕޯލްސްޓަރ 3 - 0 ބަލިކޮށްފަ އެވެ. މިމެޗުގައި ހަނިމާދޫ ޓީމުގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ.
މެޗުގައި ހަނިމާދޫގެ ފުރަތަމަ ލަނޑަކީ ކުލަބް ޕޯލްސްޓަރގެ އިމްރާން އާދަމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ 1 ލަނޑުގެ ލީޑަކުން ހަނިމާދޫ ކުރީގައި އޮވެގެންނެވެ. މެޗުގައި ހަނިމާދޫގެ ދެވަނަ ލަނޑު 66 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 11 އާސިއްޕެ އެވެ.
އަދި މެޗުގެ ފަހު މިނެޓުގައި އާދަމް އިބްރާހިމް ވަނީ ހަނިމާދޫގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް އެޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. ކުލަބް ޕޯލްސްޓަރގެ ފަރާތުން އެންމެ ރަނގަޅު ކުޅުން މިމެޗުގައި ނުފެނުނުއިރު އެޓީމުން މިހާތަނަށް އަދި މިމުބާރާތުގެ މެޗަކުން މޮޅެއް ނުވެ އެވެ. ފުރަތަމަ މެޗުގައި ދިއްދޫއާއި އެއްވަރުވިއިރު ދެވަނަ މެޗުގައި ކުޅުދުއްފުއްޓާ ވެސް ވީ އެއްވަރެވެ.
މިއަދު ކުޅެވުނު އަނެއް މެޗުގައި ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބުން ވަނީ 6 - 0 ގެ ބޮޑު ތަފާތަކުން ޓީމް ނެއްލައިދޫ ބަލިކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ދިއްދޫއިން ކުޅުނު މިމެޗުގައި އެޓީމުން ފުރަތަމަ ލީޑު ނެގީ 29 ވަނަ މިނެޓުގައި ހުސެއިން ޒިމްޔާން (ޖަޑާ) ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ފުރަތަމަ ހާފު 1 - 0 ން ނިމުނުއިރު މެޗުގެ ފުރަތަމަ ހާފުވެސް ޑޮމިނޭޓްކޮށް ކުޅުނީ ދިއްދޫ ޓީމުންނެވެ. ދެވަނަ ހާފު ފަށައިގެން 5 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަނެއްކާވެސް ޖަޑާ ވަނީ ދިއްދޫއަށް ލީޑު ފުޅާކޮށްދީފަ އެވެ. ދިއްދޫގެ ތިންވަނަ އަދި ހަތަރުވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ހުސެއިން ޝިފާހް އެވެ. އަދި 5 ވަނަ ލަނޑު ތައުމީން ނޫހް ކާމިޔާބުކޮށްދިންއިރު ފަހު ލަނޑު ޖަހައިދިނީ އަހުޒަމް ރަޝީދެވެ.
މުބާރާތުގައި ހުކުރުދުވަހު ކުޅެވޭ މެޗުގައި ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބުން ނުކުންނާނީ ކުޅުދުއްފުށީގެ ޒިގްޒެގާ ދެކޮޅަށެވެ. މިމެޗު އޮންނާނީ ދިއްދޫ ފުޓްބޯޅަ ދަނޑުގަ އެވެ. އަދި ނެއްލައިދޫއިން ނުކުންނާނީ އިހަވަންދޫގެ ކުލަބް ޕޯލްސްޓަރއާ ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫގަ އެވެ.