twitterviber whatsapp telegramfacebookyoutube instagram
27th April 2024

އިސްލާހު ކުރުމަށްފަހު ޗާޕުކުރި އިސްލާމް އަދި ޤުރުއާން ފޮތްތައް ސްކޫލްތަކަށް ފޮނުވަން ފަށައިފި

ނަބީލާ އިސްމާޢީލް
Jun 23, 2022

ޗާޕްކުރުމުގައި މިދިޔަ އަހަރު ފާހަގަވި މައްސަލަތައް ރަނގަޅުކޮށް، އިސްލާމް އަދި ގުރުއާން މާއްދާގެ ޓެކްސްޓް ފޮތްތައް މި އަހަރު ނެރޭނީ އަލުން ޗާޕުކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކުރިއަށް އޮތް ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

ގްރޭޑް އެކެއްގެ ގުރުއާން ފޮތްތައް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާ މައްސަލައެއް މިދިޔަ އަހަރު ފާހަގަވެފައިވާއިރު، ގްރޭޑް 2 އަދި 12ގެ އިސްލާމް ފޮތްތަކުގައިވެސް އެފަދަ މައްސަލަތަކެއް ހުރިކަމުގެ މައްސަލައެއް ވަނީ ފާހަގަވެފައެވެ. މިކަމާ ގުޅިގެން ޚާއްސަ ކޮމިޓީއެއް އުފައްދައި އިިސްލާމް އަދި ގުރުއާން، ދެ މާއްދާގެ ހުރިހާ ފޮތްތަކެއް ރިވިއުކުރުމުގެ މަސައްކަތެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ މިއަހަރު އިސްލާމް އަދި ޤުރުއާން ފޮތްތައް ނެރެނީ މިދިޔަ އަހަރު ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް މުޅިން އަލަށް ޗާޕުކޮށްގެންކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދިރާސީ އަހަރު ފެށިގެން ސްކޫލަށް ދަރިވަރުން އަންނައިރު ހުރިހާ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ދަރިވަރުންނާއި ހަމައަށް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މިނިސްޓްރީގެ، ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު ވިދާޅުވީ ފޮތްތައް ނެރެނީ ވަރަށް ދިގު ޕްރޮސެސްއަކަށް ފަހުގައި ކަމަށާއި ޗާޕްކޮށްލަައިފައި ހަމަ ދޫކޮށްލަނީ ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، އެ މާއްދާއަކާ ގުޅޭ އިދާރާއަކުން ފޮތް ނެރުމުގެ ކުރިން އެޕްރޫވަލް ވެސް ހޯދާ ކަމަށެވެ.

"މިސާލަކަށް އިސްލާމް، ގުުރުއާން ފޮތެއް ވެއްޖިއްޔާ އިސްލާމިކް މިނިސްޓްރީން ވެސް އެ އޮންނަ ކޮމިޓީއަކުން ވެސް ބައްލަވާ. މި ހުރިހާ ޕްރޮސެސްއަކަށް ފަހު ފޮތް މި ނެރެނީ. އެކަމަކު އިންސާނުންކުރާ މަސައްކަތަކަށް ވީމާ ބައެއް ފަހަރަށް ހުރޭ ގޯސްކޮށް ކަންކަން،" މުޖާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ދަރިވަރުންނަށް ފޮތްތައް ލިބޭއިރު މިދިޔަ އަހަރު ދިމާވި މައްސަލަތައް ހުންނާނީ ހައްލުވެފައި ކަމަށެވެ. އަދި އެ ކަންކަން އިސްލާހުކުރި އިރު ކަމާބެހޭ އިދާރާތަކުގެ ލަފާ ހޯދައިފައިވާނެ ކަން ފާހަގަ ކުރެއްވި އެވެ.

ކުރިއަށް އޮތް ދިރާސީ އަހަރަށް ފޮތްތައް ބެހުމުގެ މަސައްކަތް، ކުރީގެ އަރަބިއްޔާ ހުރި އިމާރާތުގައި މިއަދު ވަނީ ފަށާފަ އެވެ. މިނިސްޓްރީން ބުނީ، ދިރާސީ އަހަރު ފެށޭއިރަށް ހުރިހާ ދަރިވަރުންނަށް ފޮތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355