ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ނޯތް ލީގުގެ ފަސްވަނަ މެޗުގައި ނެއްލައިދޫއާ އިހަވަންދޫ އެއްވަރުވިއިރު ދިއްދޫ އަތުން ކުޅުދުއްފުށި ބަލިވެއްޖެ އެވެ.
މިއަދު ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައި އެޓީމުން ވަނީ ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތް ލިންކޭޖް 3 - 1 ން ބަލިކޮށްފަ އެވެ. މެޗުގައި ދެޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ކޮޅު ޒިގްޒެގަށް ލިބި ބޭނުން ނުހިފި ދިޔަ ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ޒިގްޒެގަށް ލަނޑުޖަހަން ވަރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ހޭންޑްބޯލްއަކާ ގުޅިގެން ރެފްރީ ޒިގްޒެގަށް ޕެނަލްޓީއެއް ދިންއިރު އެޓީމުގެ އަހްމަދު ދާއޫދު (ޑޭވިޑް) ފޮނުވާލި ޕެނަލްޓީ ދިއްދޫގެ ކީޕަރު ޝާޑު ވަނީ ހުޝިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ދިއްދޫއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ 27 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ދިއްދޫގެ ކުޅަދާނަ ފޯވާޑް ހުސެއިން ޒިމްޔާން (ޖަޑާ) އެވެ. ޖަޑާ އަކީ މިމުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަލުވި އަދި ހުނަރުވެރި ކުޅުންތެރިޔެކެވެ.
މެޗުގައި ދިއްދޫގެ ދެވަނަ ލަނޑަކީ ވެސް ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ތައުމީން ނޫހު އެވެ. މިއީ ޒިގްޒެގުން ކުރި ފައުލްއަކާ ގުޅިގެން ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބަށް ލިބުނު ޕެނަލްޓީ އެކެވެ. ދިއްދޫގެ ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާދަމް ނަސީމެވެ.
ކުޅުދުއްފުށީގެ ހަމައެކަނި ލަނޑު މެޗުގެ އިތުރުވަގުތުގެ 2 ވަނަ މިނެޓުގައި ޖަހައިދިނީ އެޓީމުގެ އިތުބާރު ފޯވާޑް ޒައިދު އެވެ. މިއަދު ކުޅެވުނު އަނެއް މެޗުގައި 1 - 1 ން ނެއްލައިދޫ ވަނީ އިހަވަންދޫގެ ކުލަބް ޕޯލްސްޓަރއާ އެއްވަރުވެފަ އެވެ.
މިމެޗުގައި ދެޓީމުން ވެސް ވާދަވެރި ކުޅުމެއް ދެއްކިއިރު ލަނޑުޖަހާނެ ފުރުސަތު ވެސް ދެޓީމަށް ލިބިފައިވެ އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނެއްލައިދޫއިންނެވެ. މިލަނޑު މެޗުގެ 24 މިނެޓުގައި އަލީ ޝަހީން އެވެ. އިހަވަންދޫއިން ވަނީ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިލަނޑަކީ އިހަވަންދޫގެ މުހައްމަދު ސާނިއު ކާމިޔާބުކޮށްދިން ލަނޑެކެވެ.
މުބާރާތުގެ ފުރަތަމަ ރައުންޑް ނިމުނުއިރު ދެވަނަ ރައުންޑްގައި އާދިއްތަ ދުވަހު ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދިއްދޫއާ އިހަވަންދޫ އެވެ. އަދި ދެވަނަ މެޗުގައި ހަނިމާދޫއިން ނުކުންނާނީ ނެއްލައިދޫއާ ދެކޮޅަށެވެ. ފުރަތަމަ ރައުންޑް މިހާރު ނިމިފައިވާއިރު 10 ޕޮއިންޓާއެކު މިވަގުތު އެއްވަނައިގައި އޮތީ ދިއްދޫ އެވެ. އަދި 7 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ކުޅުދުއްފުއްޓެވެ.