twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ހައިކޯޓުގެ ދެ ގޮފި އުވާލަން މަޖިލީހުން ފާސްކޮށްފި

ޚަދީޖާ އާދަމް
Jun 28, 2022

ހައިކޯޓުގެ ގޮފިތައް އުވާލަން ކޯޓުތަކުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މި ބިލް ފާސްކުރީ 36 މެންބަރުންގެ ވޯޓުންނެވެ.

ހައިކޯޓުގެ ދެކުނު ގޮފި ހުންނަނީ ސ. ހުޅުމީދޫ ގައެވެ. އުތުރުގޮފި ހުންނަނީ ހދ. ކުޅުދުއްފުށީގަ އެވެ. ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށައެޅުއްވީ އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

ހައިކޯޓުގެ އުތުރުގޮފި ހުޅުވުނީ އޮކްޓޯބަރު 22، 2018 ގައެވެ. ކުޅުއްދުއްފުށީގައި ހުންނަ ހައިކޯޓުގެ ގޮފިން ބަލަނީ ހއ، ހދ، ށ، ނ، ރ، އަދި ބ އަތޮޅުގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާ މައްސަލަތުކުގެ ތެރެއިން އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 16، 2015 ވަނަ ދުވަހުން ފެށިގެންނެވެ. ހައިކޯޓުގެ ދެކުނު ގޮފިން ބަލަނީ ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.

މަޖިލީހުން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި ހައިކޯޓުގެ ދެ ގޮފި އުވާލުވުމުގެ އިތުރުން ކޯޓުތަކުން ކުރާ ހުކުމްތައް އިސްތިއުނާފު ކުރާ މުއްދަތު 30 ދުވަހަށް އިތުރު ކުރެވޭ ގޮތް ހެދުމާއި ކޯޓުތަކުން އަމިއްލައަށް އިސްނަގައިގެން މައްސަލަތައް ބަލައި ހުކުމްކުރުން ނިމުމަކަށް ގެނައުމާއި ކޯޓަށް ނެތް ބާރަކުން ކުރާ ހުކުމް ބާތިލުވުންވެސް ހިމެނެ އެވެ.

މީގެއިތުރުން މިއިސްލާހަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ހައިކޯޓުގެ ދެ ގޮފީގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން ހަމަޖައްސައިދީ އެކަންކަން ނިންމުން ވެސް ހިމެނެ އެވެ. އަދި ހައިކޯޓުގެ ދެ ގޮތްޕަށް ހުށަހަޅައި އެތަންތަނުގައި ރަޖިސްޓަރީކޮށް ހިންގަމުން ގޮސްފައިވާ ހުރިހާ މައްސަލަތައް މާލޭގެ ހައިކޯޓަށް ބަދަލުވާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355