twitterviber whatsapp telegramfacebookyoutube instagram
13th July 2026

އައިމިނަތުއަށް އަލުން ވަޒީފާ ދޭން އެންގުމުން ވެމްކޯ އިން ހައި ކޯޓަށް

ޙަސަން އިޔާން
Jul 12, 2026
1

ވައްކަމުގެ ތުހުމަތު އަޅުވައި ވެމްކޯގެ ވެށިފާރަވެރިއެއްގެ ވަޒީފާއިން އައިމިނަތު ހުސެއިން (ހިޖުރަ) ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.

ވެށިފާރަވެރިއެއްގެ މަސައްކަތުގައި އުޅެމުން ކުނި ނަގަން ދިޔަ ގެއަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ކުޅުދުއްފުށީގައި ސަގާފީ ނެށުންތަކުން މަޝްހޫރު ކަން ހޯދާފައިވާ އައިމިނަތު ވަޒީފާއިން ވަކިކުރުމުން އޭނާ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލައިގައި އޭނާ ބުނެފައިވަނީ ވައްކަމުގެ ތުހުމަތުގައި އޭނާ ވަކިކޮށްފައިވަނީ ނޯޓިސް ދިނުމަކާ ނުލައި އެކަށީގެންވާ ތުހުމަތެއް އެކަމުގައި ނެތީސް ކަމަށެވެ.

އަދި މައްސަލައަށް ޖަވާބުދާރީ ވުމުގެ ފުރުސަތު އޭނާއަށް އެކަށީގެންވާ ގޮތެއްގައި ނުދީ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އެހެންވެ، އޭނާއަށް ވަޒީފާ އަލުން އިޔާދަކޮށްދިނުމަށާއި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިފައިވެ އެވެ.

ނަމަވެސް، ޓްރައިބިއުނަލްގައި ވެމްކޯ އިން ބުނެފައިވަނީ އައިމިނަތު ވަޒީފާއިން ވަކިކޮށްފައިވަނ،ީ އެ ފަރާތް ޑިއުޓީ ގަޑީގައި ކުނި ނަގަން ގޮސް ގެއަކުން ވައްކަން ކުރިކަމަށް ބުނެ ނޮދަން އޮޕަރޭޝަންސް، ކުޅުދުއްފުށި އޮޕަރޭޝަންސް އިން ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށެވެ. އޭނާ ގަވާއިދުތަކަށް އަމަލު ނުކުރުމާއި އަދި މި އަމަލަކީ މުވައްޒަފެއްގެ ފަރާތުން ބަލައިގަނެވޭނެ ކަހަލަ އަމަލެއް ނޫންކަމުން، އެފަރާތް އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ އެފަރާތުގެ އަމަލުތަކަށް ބަރޯސާވެވެން ނެތުމާ ގުޅިގެން ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމުގެ މަތިން ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.

މައްސަލަ ބެލުމަށް ފަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިދިޔަ މަހު ނިންމާފައިވަނީ އައިމިނަތު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަން ގާއިމުކުރުމަކާ ނުލައި ކަމަށެވެ.

އެހެންވެ، އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މުވައްޒަފެއްކަމުގައި ނުބެލުމަށް އަމުރުކޮށް އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކުރަން އަންގާފައިވެ އެވެ. އަދި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 14،400ރ. އައިމިނަތަށް އެއްފަހަރާ ދައްކަން ވެސް ވެމްކޯގެ މައްޗަށް އަންގާފައިވެ އެވެ.

އެކަމަކު، ޓްރައިބިއުނަލްގެ މި ނިންމުން ބަލައިނުގަނެ ވެމްކޯ އިން ވަނީ މައްސަލަ ހައި ކޯޓުގެ އިސްތިއުނާފުކޮށްފަ އެވެ. އައިމިނަތު ހުސެއިންއާ ދެކޮޅަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

އައިމިނަތު ވަޒީފާއިން ވަކިކޮށްފައިވަނީ މުޅިން ދޮގު އިލްޒާމްތަކެއްގައި ކަމަށް ބުނެ، އޭނާ ވަނީ މީގެކުރިން އެކި ބައްދަލުވުންތަކުގައި ވެސް އެކަން އަސަރާ އެކު ހިއްސާކޮށްފަ އެވެ.

އައިމިނަތު ހުސެއިންއަކީ އޭނާގެ އަމިއްލަ ގިނަ މަސައްކަތްތަކެއް ކުރާ އެއިން އާމްދަނީ ވެސް ހޯދާ މީހެކެވެ. ހީވާގި ކެރޭ މީހެއްގެ ގޮތުގައި ރަށުގައި ފާހަގަކުރެވޭ އައިމިނަތު ވަނީ އޭނާގެ ދުވަސްވީ ބައްޕަގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355