twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވާދަވެރި ކުޅުމަކާއެކު ދިއްދޫއިން ހަނިމާދޫ ބަލިކުރިއިރު ކުޅުދުއްފުއްޓަށް ވެސް މޮޅެއް

މުޙައްމަދު އަހުމަދު
Jun 28, 2022

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ނޯތު ލީގުގެ ހަތްވަނަ މެޗުގައި ދިއްދޫއިން ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ ބަލިކުރިއިރު ނެއްލައިދޫ އަތުން ކުޅުދުއްފުށި ވެސް މޮޅުވެއްޖެ އެވެ.

މިއީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއަދު ފުރަތަމަ މެޗުގައި ދިއްދޫއިން ވަނީ އަމިއްލަ ދަނޑުގައި ފޯރިގަދަ މެޗަކަށް ފަހު 4 - 3 ން ހަނިމާދޫ ބަލިކޮށްފަ އެވެ.

މެޗުގައި ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މިމެޗުގައި ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބުން ދެއްކީ ތަފާތު މޮޅު ކުޅުމެކެވެ. ހާއްސަކޮށް ދިއްދޫގެ ކުޅަދާނަ ފޯވާޑް ހުސެއިން ޒިމްޔާން (ޖަޑާ)ގެ ކުޅުން ފާހަގަކޮށްލެވެ އެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ހަނިމާދޫއިންނެވެ. ކުޅުން ފަށައިގެން މެޗުގެ ފުރަތަމަ މިނެޓުގައި މިލަނޑު ހަނިމާދޫއަށް ޖަހައިދިނީ އެޓީމުގެ އަލީ އާމިރެވެ. އޭގެ ވިއްސަކަށް މިނެޓު ފަހުން ދިއްދޫގެ ހުސެއިން ސިފާހް ވަނީ ދިއްދޫއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗުގައި ދިއްދޫއިން ލީޑު ނެގީ 32 ވަނަ މިނެޓުގައި ޖަޑާ ބޮލުން ކާމިޔާބުކޮށްދިން ހިތްގައިމު ގޯލަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން އަލީ އާމިރު ވަނީ ހަނިމާދޫއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުނީ 2 - 2 ން އެއްވަރުވެގެންނެވެ. ދެވަނަ ހާފު ފަށައިގެން ވަރަށް ކުރީކޮޅު ދިއްދޫއިން 2 ލަނޑުގެ ލީޑެއް ވަނީ ނަގާފަ އެވެ. 51 ވަނަ މިނެޓުގައި ހުސެއިން ސިފާހު ލަނޑެއް ކާމިޔާބުކުރިއިރު 56 ވަނަ މިނެޓުގައި ދިއްދޫގެ ހަތަރުވަނަ ލަނޑު ޖަހައިދީފައިވަނީ ތައުމީން ނޫހު އެވެ.

މެޗު ނިމުމުގެ ކުރިން ހަނިމާދޫގެ އަލީ ހުސެއިން ވަނީ ލަނޑެއް ޖަހާ ހަނިމާދޫއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. މިމެޗު ދިއްދޫ ޓީމުން ކުޅުނީ 10 ކުޅުންތެރިންނާއެކުގަ އެވެ. މެޗުގެ 42 ވަނަ މިނެޓުގައި ދިއްދޫގެ ކެޕްޓަން އައްފާން އަލީ ވަނީ ގޯލަށް ވަންނަން ދިޔަ ބޯޅައެއްގައި ގަސްދުގައި އަތްލުމުން ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އެހެންނަމަވެސް ދިއްދޫއިން ވަނީ 10 ކުޅުންތެރިންނާއެކު ކުޅެ ހަނިމާދޫ ބަލިކޮށްފަ އެވެ.

މިއަދުގެ އަނެއް މެޗުގައި ހަނިމާދޫގައި ކުޅުދުއްފުށިން ވަނީ 1 - 0 ގެ ހަނި ތަފާތަކުން ނެއްލައިދޫ ބަލިކޮށްފަ އެވެ. މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކުޅުދުއްފުށީގެ ޒިގްޒެގަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 12 އަބްދުއްރަހީމް އަބޫބަކުރެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް މާ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައިނުވާއިރު މެޗުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފަ އެވެ.

މުބާރާތުގައި ބުރާސްފަތި ދުވަހު ކުޅެވޭ މެޗުގައި ބައްދަލުކުރާނީ އިހަވަންދޫއާ ނެއްލައިދޫ އެވެ. މިމެޗު ކުޅެވޭނީ ދިއްދޫގަ އެވެ. އަދި ހަމަ އެދުވަހު އަމިއްލަ ދަނޑުގައި ހަނިމާދޫއިން ކުޅުދުއްފުށީގެ ޒިގްޒެގާ ދެކޮޅަށް ނުކުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355