މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ނޯތު ލީގުގެ އަށްވަނަ މެޗުގައި ކުޅުދުއްފުށީގެ ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން މޮޅު ކުޅުމެއް ދައްކާ ޓީމް ހަނިމާދޫ ބަލިކުރިއިރު ނެއްލައިދޫ އަތުން އިހަވަންދޫގެ ކުލަބް ޕޯލްސްޓަރ ވެސް މޮޅުވެއްޖެ އެވެ.
މިއަދު އަމިއްލަ ދަނޑުގައި ހަނިމާދޫއިން ވަނީ ޒިގްޒެގް އަތުން 3 - 1 ން ބަލިވެފަ އެވެ. މުބާރާތުގައި ފުރަތަމަ މެޗުގައި ވެސް ޒިގްޒެގާ ހަނިމާދޫ ބައްދަލުކުރިއިރު އެމެޗު ވެސް ނިމުނީ ހަމަ 3 - 1 ން ޒިގްޒެގް މޮޅުވެގެންނެވެ.
މިއަދުގެ މެޗުގައި ދެޓީމުން ވެސް މޮޅު ކުޅުމެއް ދައްކާ ވާދަވެރި މެޗެއް ކުޅުނު ނަމަވެސް ކުޅުދުއްފުށީގެ ޒިގްޒެގުން މިއަދުގެ މެޗުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ފެންވަރު ސާބިތުކޮށްފަ އެވެ.
މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ޒިގްޒެގުންނެވެ. ޒިގްޒެގުގެ އަންވަރު އާދަމް (އަންވަރު ބާޑޭ) ވަނީ މެޗުގެ 48 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ޒިގްޒެގަށް ހަނިމާދޫގެ ގޯލު ހުޅުވާލަދީފަ އެވެ. އެހެންނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން 53 ވަނަ މިނެޓުގައި ހަނިމާދޫގެ އަލީ އާމިރު ނަތީޖާ ހަމަހަމަ ކުރި އެވެ.
ޒިގްޒެގުގެ ދެވަނަ ލަނޑު ޖަހައިދިނީ މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ހުޝާމް (ހުއްޓެ) އެވެ. ޒިގްޒެގު ޓީމަށް ކުޅޭ ހުއްޓެ އަކީ މިމުބާރާތުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އިދިކޮޅު ޓީމުތަކަށް ހުއްޓުވަން އުދަނގޫ ހުއްޓެ ފާހަގަކޮށްލެވެނީ ޒިގްޒެގަށް ކުޅޭ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާގެ ގޮތުގަ އެވެ.
މެޗުގެ ފަހު ލަނޑު 84 ވަނަ މިނެޓުގައި ޒިގްޒެގަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނަޝީދު (ފޯވާޑް) އެވެ. މިއީ ފޯވާޑް ހުސްކޮށް އޮވެ ހަނިމާދޫ ގޯލަށް ފޮނުވާލި ބޯޅަ އެކެވެ. ފޯވާޑްގެ ހަމަލާ ހުއްޓުވަން ހަނިމާދޫގެ ކީޕަރަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ.
މިއަދުގެ އަނެއް މެޗުގައި ދިއްދޫ ދަނޑުގައި އިހަވަންދޫގެ ކުލަބް ޕޯލްސްޓަރއިން ވަނީ 2 - 1 ން ނެއްލައިދޫ ބަލިކޮށްފަ އެވެ. މިމެޗުގައި ދެޓީމުން ވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު ނެއްލައިދޫއަށް މިހާރު ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ބަންދުވެފަ އެވެ.
މެޗުގެ ކުރީކޮޅު ނެއްލައިދޫގެ އަހްމަދު އަންޔަރުގެ ލަނޑަކުން އެޓީމުން ވަނީ ލީޑު ނަގާފަ އެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އިހަވަންދޫއިން ވަނީ ފަހަތުން އަރާފަ އެވެ. އިހަވަންދޫއިން އެއްވަރުކުރި ލަނޑު 26 ވަނަ މިނެޓުގައި މުހައްމަދު ސާނިއު ޖެހިއިރު 32 ވަނަ މިނެޓުގައި މޮޅުވި ލަނޑު ޖަހައިދިނީ މުހައްމަދު ފާރިޝް އެވެ.
މުބާރާތުގައި ހޮނިހިރު ދުވަހު ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ދިއްދޫއާއި ނެއްލައިދޫ އެވެ. އަދި އެދުވަހު ކުޅެވޭ އަނެއް މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި އިހަވަންދޫ އެވެ.