އިގްތިސާދަށް އަންނަ ހީނަރުކަމާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައީސް އޮފިީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ %12 އިން %16 އަށް އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރަން ނިންމާފައިވާކަމަށެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށާއި އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީ ރިފޯމްކުރަން ނިންމާފައިވާކަމަށް ވެސް އަމީރު ވިދާޅުވި އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައްވެސް އިތުރަށް ހަރުދަނާކޮށް، ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މިހާރުވެސް މަސައްކަތް ކުރާކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށެވެ. ޖީއެސްޓީއާއި ޓެސްކް ބޮޑުކުރުން ނިންމި ނަމަވެސް ސިޔާސީ މުވައްޒަފުން މަދުކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އަމީރު ވިދާޅުވިއެވެ.
ޓެކްސްގެ ނިސްބަތް ބޮޑުކުރަން ނިންމުމާއެކު އެކަމަށް އަހަރެއްހާ ދުވަސްގެ މުއްދަތު ދިނުމަށް ބައެއް ފަރާތްތަކުން އެދުނު ކަމަށާއި ނަމަވެސް މިނިސްޓްރީން ނިންމާފައި ވަނީ ހަ މަހުގެ މުއްދަތެއް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކޯވިޑާއެކު ރާއްޖޭގެ އިޤްތިޞާދު 33 އިންސައްތަ ދަށަށްދިޔައިރު ޖީޑީޕީގެ ނިސްބަތުން ދައުލަތަށް ބޮޑު އާމްދަނީއެއް ގެއްލުނުކަމަށެވެ. އަދި މި އަހަރު ރާއްޖޭގެ އިގްތިސާދު 13 ޕަސެންޓް ކުރިއަރާނެކަމަށް ކުރިން ބެލެވުނަސް މިހާރު ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާ މިންވަރާ ބަލާއިރު 13 ޕަސެންޓާ 16 ޕަސެންޓާ ދެމެދު ކުރިއަރާނެ ކަމަށް މިހާރު ބެލެވޭ ކަމަށެވެ.