twitterviber whatsapp telegramfacebookyoutube instagram
25th April 2024

މި އަހަރު އިތުރަށް ކާބޯތަކެތީގެ އަގުތައް މައްޗަށް ދާނެ: އަމީރު

ނަބީލާ އިސްމާޢީލް
Jul 6, 2022

މި އަހަރުގެ ކުރިއަށް އޮތް ތަނުގައިވެސް ކާބޯތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ތަކެތީގެ އަގަށް ބަދަލުތައް އައުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މަތިވުން ހިމެނޭކަމަށެވެ.

ކޮވިޑް-19ގެ ހާލަތު ކޮންޓްރޯލް ވަމުންދިޔަ ނަމަވެސް ކުރިމަތިވަމުންދާ އާ ހާލަތްތަކާއި ގޮންޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގުތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށް ބެލެވޭކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، ދުނިޔޭގެ އިގުތިސާދުގެ ދުވެލި 2021 ވަނަ އަހަރު 5.1 ޕަސެންޓުން މިއަހަރު 2.9 އަށް މަޑު ޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ތެލާއި ތަކެތީގެ އަގު ބޮޑުވަމުންދިއުމާއި ދުނިޔޭގެ ގައުމުތަކުގެ މަނިޓަރީ ޕޮލިސީ ހަރުކަށިކޮށް ކުރިއަރާފައިވާ ގައުމުތަކުން އިންޓަރެސްޓް ރޭޓް ބޮޑުކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ކޮވިޑާއެކު ގްލޯބަލް ސަޕްލައި ޗެއިނަށް އެރި ތާށިކަން އަދިވެސް އެގޮތުގައި ކުރިއަށް ދިއުމާއި މުދާ އުފުލޭނެ މަގުތައްވެސް އެއްކޮށް ހުޅުވިގެން ނުގޮސް ހަނގުރާމައާ ގުޅިގެން އެކަން އިތުރަށް ގޯސްވެފައިވުން ހިމެނޭ ކަމަށް އަމީރު ވިދާޅުވި އެވެ.

މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި އަގުތައް މަތިވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އަގު މަތިވެފައިވަނީ ކާބޯތަކެތީގެ ބައިންކަމަށެވެ. ރާއްޖޭގައި ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ ގިނަ ބާވަތްތަކަކީ ރާއްޖެއިން ބޭރުން އިމްޕޯޓް ކުރާ މުދަލަށްވާތީ ބައިނަލްއަޤްވާމީ އަގުތަކަށް އަންނަ ބަދަލު ރާއްޖޭގެ އަގުތަކުން ފެނިގެންދާނެއެވެ.

އޭނާ ވިދާޅުވީ މިއަހަރު 4 މަސްދުވަހުގެ ތެރޭގައި ކާބޯތަކެތީގެ އަގު މަތިވިނަމަވެސް މިއަހަރުގެ ތެރޭގައި ޖުމުލަ އިންފްލޭޝަން އިތުރުނުވަނީ މުވާސަލާތީ ހިދުމަތުގެ އަގު މިދިޔަ އަހަރުގެ ފަހުކޮޅު ހެޔޮކުރުމުގެ ސަބަބުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަ ކުރިނަމަވެސް މުސާރަތައް ކުޑަކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވިދާޅުވެފައެވެ. މި އަހަރު ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަރަދު ގާތްގަނޑަކަށް 6 އިންސައްތައަށް ކުޑަ ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355