ބޮޑު އީދުގައި ކުޅުދުއްފުށީގައި އޮންނަ މަޝްހޫރު މަށި މާލި ޕެރޭޑު މިފަހަރު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި، މި އިވެންޓް އިންތިޒާމު ކުރަމުން އަންނަ އެއް ފަރާތް ކަމުގައިވާ ކުޅުދުއްފުށީ ރަށްވެހި އާސާރުގެ ފައުންޑަރ އާރިފު މައުލޫމާތު ދެއްވައިފިއެވެ. ތަފާތު އުފެއްދުންތައް ފެންނަ މި ޕެރޭޑުން، ކުޅުދުއްފުށީ މީހުންގެ ހުނަރުވެރިކަމާ ވިސްނުންތެރިކަމާ ޚިޔާލު ހުށަހަޅައި ދިނުމުގެ ތަފާތު ފަންނުވެރިކަން ފެނެއެވެ.
މަށިމާލި ޕެރޭޑުގެ މަގުބޫލުކަން މުޅި ރާއްޖެއަށް ފެތުރިފައިވަނީ، އޭގައި ދައްކުވައިދޭ ތަފާތު މެސެޖުތަކުންނެވެ. އެދުވަސްވަރެއްގައި ރާއްޖެ އާއި ބޭރު ދުނިޔޭން އެންމެ ހިނގާ ވާހަކަތައް މަޖާ ގޮތަކަށް ދައްކުވައިދޭ މި ޕެރޭޑުގައި ކުޅުދުއްފުށީގެ ގިނަ ރައްޔިތުންތަކެއްގެ ބައިވެރިވުންވެސް ހިމެނެއެވެ. އަމިއްލަ ޚިޔާލާ އެއްގޮތަށް ކަންކަން ކުރަނީ އެއްވެސް ފަރާތެއްގެ އެހީއެއް ނެތި އަމިއްލަ ތަކެތީގައެވެ. އެބައެއްގެ ވިސްނުމުގައި އޮތް ޚިޔާލު ކުރަހައި އުފައްދައި އެ ހުށަހަޅަނީވެސް ހަމަ އެބައެކެވެ.
މިއީ ކުޅުދުއްފުށީގައި ވަރަށް ފަހަކުން ފެށުނު ކުޅިވަރު ހަރަކާތެކެވެ. އޭގެ ކުރިން ޕެރޭޑެއްގެ ސިފައިގައި މިކަން ނުކުރިޔަސް، މާލި ހެދިގެން ރަށު ތެރޭގައި ދުވަސްތައް ފާހަގަކޮށް އުޅެއެވެ. މިހާރު މިފެންނަ ގޮތަށް ޕެރޭޑެއްގެ ސިފައިގައި މަށި މާލިތައް ފެންނަންފެށީ 2000 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު ސަރުކާރުން ރަސްމީކޮށް ކޮންމެވެސް އެއް ރަށެއްގައި ބޮޑު އީދު ފާހަގަކުރެއެވެ. އެގޮތުން 2000 ވަނަ އަހަރު ފާހަގަކުރުމަށް ހަމަޖެހުނީ ކުޅުދުއްފުށީގައެވެ.
ކުޅުދުއްފުށީގައި ސަރުކާރުން އިންތިޒާމު ކުރި ކުޅިވަރުތަކުގެ ތެރެއަށް ރަށުން ކުޅިވަރެއް އިތުރު ކުރުމަށް ވިސްނަމުންދިޔަ ވިސްނުމުގެ ތެރެއިން އުފެދިގެން އައި ޚިޔާލަކީ މަށިމާލި ޕެރޭޑެއްގެ ގޮތުގައި ހުށަހެޅުމެވެ. އެންމެ ފުރަތަމަ ޚިޔާލު ކުރީ މާލިތައް ނުކުންނާނީ ދުނިޔޭގެ އެކި ގައުމުތައް ތަމްސީލު ކުރަމުންނެވެ. މިހާރެކޭ އެއްގޮތަށް އޭރުވެސް، އެންމެ ހިނގާ ވާހަކަތަކާ ގުޅޭ ގޮތުން މާލީގެ ހުށަހެޅުންތައް ފަރުމާކޮށް ނެރެއެވެ. ހެއްވާ މަޖާ ގޮތަކަށް ގެނެސްދޭ މި ހުށަހެޅުމަކީ ބޮޑު އީދުގައި ކުޅުދުއްފުށީގައި އޮންނަ ހަރަކާތްތަކުގެ ތެރެއިން އެންމެ މަގުބޫލް އެއް ހަރަކާތެވެ. އަދި އެންމެ ގިނަ ބައެއްގެ ބައިވެރިވުން ހިމެނޭވެސް އައިޓަމެވެ.
މިފަހަރުގެ މަށިމާލި ޕެރޭޑުގައި ފެންނާނެ ކަމަށް ބެލެވޭ ފުޅަނދުތަކާ ގުޅޭގޮތުން ރަށު ތެރޭގައި މިހާރުވެސް އަންނަނީ ވަރަށް ފޯރިއާ ޖޯޝުގައި ވާހަކަތައް ދެކެވެމުންނެވެ. މިއާއެކު މަށިމާލި ޕެރޭޑަށް ކުރެވޭ އިންތިޒާރު ކިތަންމެހާވެސް ބޮޑެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢްލޫމާތުދޭ ގޮތުގައި މަށިމާލި ޕެރޭޑު އޮންނާނީ ޖުލައި 10 ވަނަ ދުވަހުގެ ހަވީރުއެވެ
.
މަށިމާލި ޕެރޭޑުގެ އިތުރުން ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ހިއްޗަށް ވަޑައިގަތުން، ރާނީ ހިނގާލުން، ދަމު ހިނގުން އަދި ބޮޑު ފައިވާނުގައި ހިނގުންވެސް މިއަހަރު އޮންނާނެ އެވެ.