twitterviber whatsapp telegramfacebookyoutube instagram
20th April 2024

ފާއިތުވި އަހަރާ އަންނަން އޮތް އަހަރުގެ ފާފަތައް ފުއްސެވުމަށް އެދޭ މީހާ

ހ.މ
Jul 7, 2022

ހިނގަމުން މިދަނީ ބަރަކާތްތެރި ހައްޖު މަހެވެ. ދުވަސްތަކުގެ ތެރެއިން އެންމެ މާތް ވެގެންވާ 10 ދުވަހެވެ. އަޅުކަމާ ހެޔޮ ޢަމަލު ކުރުމަށް މިއަށްވުރެ މާތް ދުވަސްތަކެއް ނުވާ ކަމުގައި ބުނެވެއެވެ. މިދުވަސް ތަކުގެ ތެރޭގައިވާ ޢަރަފާތް ދުވަސް ނުވަތަ ހައްޖު ދުވަހަކީ، އެ ދުވަހެއްގެ ސަވާބާ ދަރުމަ އެތައް ގުނައަކުން އިތުރުވެފައިވާ ބަރަކާތްތެރި ދުވަހެކެވެ.

މާތް ﷲގެ ހަޟްރަތުގައި އިސްލާމް ޤަބޫލުވެގެންވާ ހަމައެކަނީ ދީން ކަމުގައިވާ އިސްލާމް ދީން ފުރިހަމަ ކުރެއްވުނު ދުވަހެވެ. ހައްޖުގެ އަޅުކަންތަކުގެ ތެރޭގައި ހިމެނޭ މުހިންމު ރުކުނެއް ކަމުގައިވާ އަރަފާތުގައި ހުރުމުގެ އަޅުކަން ކުރެވޭ ހާއްސަ ދުވަހެވެ. ގަދަ ކީރިތި ވަންތަ މާތް ﷲ، ނަރަކައިން އެންމެ ގިނައިން، އެކަލާނގެ އަޅުން މިނިވަން ކުރައްވާ ދުވަސް ވެސް މެއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ފުޅެއްގެ މާނާގައިވެއެވެ.

"ޢަރަފާތް ދުވަހަށްވުރެ ގިނައިން މާތް ﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މުއްތި ކުރައްވާ އެހެން ދުވަހެއް ނުވެއެވެ."

ޢަރަފާތް ދުވަހު ލެއްވިފައިވާ ރަޙުމަތްތަކުގެ ތެރޭގައި، އެ ދުވަހު ރޯދަ ހިފައިގެން މާތް ﷲގެ ދީލަތި ފުއްސެވުން ލިބިގަތުން ހިމެނެއެވެ. އެދުވަހުގެ ރޯދައާ ގުޅިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވުނު ސުވާލެއްގެ ޖަވާބުގައި އެކަލޭގެފާނު ހަދީސްފުޅު ކުރެއްވިއެވެ.

ހަދީސްގެ މާނާގައިވަނީ،

"އެ ދުވަހު ރޯދަ ހިފުމަކީ، ފާއިތުވި އަހަރާ އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުއްސެވޭނޭ ކަމެކެވެ."

އެނގުމާ ނޭގުމުގެ ތެރެއިން ފާފައަކަށް އަރައިނުގަނެވޭ ދުވަހެއް އަޅުގަނޑުމެން ހަޔާތުން ވަކިވުމީ ނާދިރު ކަމެކެވެ. ކިތަންމެ ކުޑަ ކުޑަ ކަމެއްވެސް ބަރާބަރަށް ނޯޓު އެބަކުރެވެއެވެ. ހެޔޮ ކަމުގެ ފަތް ލުއި ވެއްޖެނަމަ އަޅުގަނޑުމެން ވާހުށީ އަބާއްޖަވެރިންނަށެވެ. ނަރަކައަކީ އެފަދަ އަބާއްޖަވެރިންނަށްޓަކައި މާތްﷲ ކަނޑައަޅުއްވާފައިވާ އަޒާބުގެ ގޯއްޗެވެ.

ވުމާއެކު، މިބޮޑު ހެޔޮ ފުރުސަތުގެ ބޭނުންހިފައި، ފާފަތަކުން ސަލާމަތްވުމަށް އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކުރަން އެބަޖެހެއެވެ. ފާހިސް ނުބައި ހަޑިމުޑުދާރު އަމަލުތަކުން ނަފުސް ދުރުހެލި ކުރަންޖެހެއެވެ. ކުރެވިފައިވާ ކުދި ފާފަތަކާއި ކުރިޔަށް އޮތް އަހަރުގެ ކުދި ފާފަތަކުން ބަރީޢަވުމަށް އަރަފާތް ދުވަހުގައި ރޯދަ ހިފުމަށް ނަސޭހަތްތެރިވަމެވެ. ދުޢާ ކުރުމާ، ކުށްތަކަށް ތަޢުބާވެ އެއްކައުވަންތަ ﷲގެ އެންގެވި ސަލާމަތުގެ މަގަށް ރުޖޫޢަވެ ދިރިއުޅުން ބާއްޖަވެރި ކުރުމާތޯއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355