- 11 ބުރީގެ އިމާރާތެއްގައި 400 ޔުނިޓް އަޅާނެ
- 439 މިލިއަން ރުފިޔާއަށް މި ޕްރޮޖެކްޓް ހަވާލުކުރީ ދޮންބޭޒްއާ
- މިއީ އަތޮޅުތެރޭގައި ހިންގާ ހައުންސިންގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓް
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކުޅުދުއްފުށި ސިޓީގައި ހިންގުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
11 ބުރީގެ އިމާރާތެއްގައި 400 ޔުނިޓް އަޅަން 439 މިލިއަން ރުފިޔާއަށް ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޑެޓްގެ ވެންޗާ ކުންފުނިކަމަށްވާ ޓްވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓަރަކްއާ އެވެ.
ޕްލޭނިންގ މިނިސްޓްރީން ބުނީ މިއީ އަތޮޅުތެރޭގެ ހިންގާ އެންމެ ބޮޑު އެއް ހައުސިންގ ޕްރޮޖެކްޓް ކަމަށެވެ.
އިންތިހާއަށް ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ ކުޅުދުއްފުށީގައި މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 400 ޔުނިޓަކީ 1000 އަކަފޫޓްގެ ޔުނިޓްތަކެކެވެ. މިމަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ.
ޕްލޭނިންގ މިނިސްޓްރީން ބުނީ، 11 ބުރީގެ މި އިމާރާތުގެ ގްރައުންޑް ފުލޯ ބޭނުންކުރަނީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީހެވެ. އަދި އެތަނުގައި ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޮާކިން ޖާގައެއް ދެވޭނެކަމަށް ކަމަށާއި މި އިމާރާތުގައި ދެ ލިފްޓް ހުންނާނެކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނި، ޓުވެންޓީ ތަރޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އާ ހަވާލު ކޮށްފި. pic.twitter.com/ukpqOfeI2x
— Min.of National Planning, Housing & Infrastructure (@MoNPHImv) July 7, 2022
ކޮންމެ ޔުނިޓެއްގައިވެސް ހިމެނޭނީ ތިން ކޮޓަރި އާއި ތިން ފާހާނާ، ސިޓިންގ ރޫމް، ބަދިގެ އަދި ލޯންޑަރީ ބަޔަކާއި ސްޓޯ ރޫމެއްކެވެ.
މިނިސްޓްރީން ބުނީ، މީގެ އިތުރުން ޔުނިޓްތައް ވަށައިގެން އަލިކުރެވި ޕާކެއް ގާއިމުކުރެވޭނެ ކަމަށެވެ. މިއީ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުއެވެ.