ރަސްމީ ގަޑީގެ ބޭރުން މަސައްކަތް ކުރާ ޓީޗަރުންނަށް އެކަށީގެންވާ ރަނގަޅު މިންވަރެއްގެ ފިކްސްޑް "ޓީޗަރ އެލަވަންސެއް" ހަމަޖެއްސުމަށް ހުށަހަޅައިފިއެވެ.
މިގޮތަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ މުދައްރިސުން ލިބުމުގައާއި ލިބިފައިވާ މުދައްރިސުން ކިޔަވައިދިނުމުގައި ދެމިތިބުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި އޭގެ ސަބަބުތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އެދިވަޑައިގަތުމަކަށް ކުރި ދިރާސާގެ ރިޕޯޓުގައެވެ.
މި ރިޕޯޓުގެ ހުށަހެޅުންތަކުގައި ބުނެފައިވަނީ ސަރުކާރުގެ އެހެނިހެން ބައެއް އިދާރާތަކުގައި އިތުރުގަޑިއަށް ދޭ ފައިސާ ތައުލީމީ ދާއިރާގައި ދޭ ރޭޓަށްވުރެ މަތީ ރޭޓްތަކުގައި އެބަހުރި ކަމަށް ބުނެފައިވެއެވެ. މިފަދަ ސަބަބުތަކާއި ހުރެ މުދައްރިސުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެހެނިހެން ފަންނީ މުވައްޒަފުން މި ދާއިރާއަށް ޝައުގުވެރިކަން ކުޑަވެ މުދައްރިސުންނާއި ފަންނީ މުވައްޒަފުން ލިބުން ދަތިވެފައިކަމަށް ވެސް ބުނެފައިވެއެވެ.
އަދި ދިރާސާއިން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ މުދައްރިސުންނާއި، ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ކުރަންޖެހޭ މަސައްކަތަށް ބަލާއިރު، އެމީހުންގެ މުސާރައަށާއި އިނާޔަތްތަކަށް ރަނގަޅު ބަދަލެއް ނައިސް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އަދި އިތުރުގަޑިއަށްދޭ ފައިސާ 10 އިންސައްތައިގައި ހިފަހެއްޓިފައި ވުމާއި، ދެވަނަ ވަޒީފާއެއް އަދާކުރުން މަނާކުރާތީ އެޑިއުކޭޝަން މިނިސްޓްރީން ފަންނީ އިދާރާތަކުގެ ކަމާގުޅުން ހުރި މުވައްޒަފުންނަށް ދޭ އެލަވަންސް (ނޮން-ޕްރެކްޓިސް އެލަވަންސް) ފަދަ އިނާޔަތްތައް ތައުލީމީ ދާއިރާގައި ނުލިބޭކަން ވެސް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.
އަދި ކިޔަވައިދިނުމުގެ ފަންނަކީ މުދައްރިސުން ކްލާސްރޫމުގައި ކިޔަވައިދޭ ވަގުތަށްވުރެ އިތުރުން ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަންޖެހޭ ކަމެއް ކަމަށް ބުނެފައިވެއެވެ. އަދި ދައުލަތުން ދެވޭ އިތުރުގަޑީގެ ފައިސާއަކީ އެއްވެސް ލިމިޓެއް ނެތި ދޫކުރެވޭ، ވަކި މިންގަނޑެއް ކަނޑަނޭޅޭ ކަމަކަށްވުމަކީ މުޅި މާލީ ނިޒާމަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ބުނެފައިވެއެވެ.
އިތުރުގަޑިއަށް އުޖޫރަ ދޭނަމަ، ހުރިހާ ދާއިރާއަކަށް ވެސް ހަމަހަމަ ކަމާއެކު ލިބޭނެ އުސޫލެއް ގެންގުޅުންޖެހޭކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. ހަމަހަމަ ކަމާއެކު އުޖޫރަތައް ނުދެވޭނެމަ، އިޖްތިމާއީ އަދާލަތު ގެއްލި، ދުރު މުސްތަގުބަލަކަށް ގައުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.