ކޯޓުތަކަށް ގެނައި އިސްލާހު މިއަދު ތަސްދީގުކުރުމާއެކު ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ހައިކޯޓު އުތުރު ގޮފި މިއަދުން ފެށިގެން އުވިއްޖެ އެވެ. އުތުރު ގޮފި ކުޅުދުއްފުށިގައި ގާއިމުކޮށްފައިވާއިރު ދެކުނު ގޮފި ގާއިމުކޮށްފައިވަނީ ސ ހިތަދޫގައި އެވެ.
އެ ގާނޫނު ރައީސް އިސްލާހުކޮށް މިއަދު ގެޒެޓުގައި އާންމުކުރުމާއެކު މި ބިލު މިއަދުން ފެށިގެން ގާނޫނަކަށްވެ އަމަލުކުރަން ފަށާނެއެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެ ގޮތްޕަށް ހުށައެޅި އެތަންތަނުގައި ރަޖިސްޓަރީކޮށް ހިންގަމުންގޮސްފައިވާ އެންމެހައި މައްސަލަތައް، މާލޭގައި ހިނގަމުންދާ ހައިކޯޓަށް ބަދަލުވީއެވެ.
އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަސްތެރޭގައި އެ މައްސަލަތައް އެ ކޯޓުގައި ބަލައި ހިންގޭނެ އިދާރީ އިންތިޒާމުތައް ހައިކޯޓުން ހަމަޖައްސަން ވާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
މި ގާނޫނުގައި ބުނާގޮތުން ހައިކޯޓު އަދި ހައިކޯޓުގެ އެންމެހާ ޝަރީއަތްތަކުގެ އަޑުއެހުން އާންމުގޮތެއްގައި ހިނގަމުންދާނީ، އަދި ހައިކޯޓަށް އައްޔަންކުރެވޭ އެންމެހައި ފަނޑިޔާރުން ގާއިމުވެތިބެން ވާނީ މާލޭގައި ކަމަށެވެ.
އަދި އެ މާއްދާ އެހެން އޮތްނަމަވެސް ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުސޫލަކުން މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމުގެ އިހްތިޔާރު ހައިކޯޓަށް ލިބިގެންވާކަމަށްވެސް އަލަށް އިސްލާހު ގެނުވުނު ގާނޫނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައަޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ގާނޫނު އަސާސީއާއި ކަމާބެހޭ ގާނޫނަކުން ކޯޓަކަށް ލިބިދީފައިވާ އިހްތިސާސްގެ ތެރެއިން އެ ކޯޓުން ބަލަމުންދާ މައްސަލައެއްގައި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އެ ކޯޓަކަށް ކުރާ އަމުރެއް ނުވަތަ ނިންމާ ނިންމުމެއް ފިޔަވައި ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން، އެ ކޯޓުގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ހިންގައި ނިންމުމެއް ނިންމައިގެން ނުވާނެކަމަށްވެސް ބުނެފައި ވެއެވެ.
ނިންމުމެއް ނިންމައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވަނީ ގާނޫނެއްގެ ދަށުން ކަނޑައެޅިގެން ބާރު ލިނިދެ ހާލަތެއް ނޫން ހަލަތެއްގައި އެ ކޯޓެއްގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ހިންގައި ގޮތެއް ނިންމާ ނިންމުމަށާއި އެ ކޯޓެއްގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމާ ނިންމުންވެސް ހިމެނޭގޮތުންކަމަށް ބަޔާންކޮށްފައި ވެއެވެ.