ކޮންމެ ގައުމަކަށްވެސް އަމާންކަމުގެ އައްސޭރިއަށް ދެވޭނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ،ސިނާއަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ހަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖެ މިއަދު ދަމަހައްޓަމުން އަންނަ މަގާމުގައި އޮތީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވި ބޭފުޅުންގެ ވަރުގަދަ އަޒުމާއި ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ. އަދި އަމާޒެއް އޮވެ ހުރަސްތައް ގިރާކުރައްވަމުން އެބޭފުޅުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީއާ މިއަދު މި އިންޑަސްޓްރީގައި ތިއްބެވި ބޭފުޅުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތުގެ ސަބަބުން ކަމުގައިވެސް ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ކުރާ މަސައްކަތުގައި ބައިވެރިވެ ސަރުކާރުން ކުރިއަށް ދާނީ މިސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަޑު އަހައިގެން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ގޮންޖެހުންތަކާއި އެކު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ ކޮވިޑް-19ގެ ހަބަރު ލިބުމާއި އެކު އެންމެ ފުރަތަމަ އެމަނިކުފާނު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި މަޓީގެ ބޭފުޅުން ހިމެނޭ ކަމަށެވެ.
"ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ނިންމި ނިންމުމަކީ ވަރަށް ދަތި އުނދަގޫ ނިންމުމެއް. އޭގެ ފަހުން ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިއިރު އެކަމާއި ވެސް ދެކޮޅު ވިސްނުމުގެ ބައެއް ބޭފުޅުން ތިއްބެވި. އެހެންނަމަވެސް އެދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް. މިއަދު ރާއްޖޭގެ އިގްތިސޯދު އިއާދަވަމުން މިތިބި ހިސާބަށް އާދެވިފައި މިތިބީ އެނިންމުމުގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަން ސިންދަފާތުކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަމުންދާ ކަމަށެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.
ފަތުރުވެރކަމުގެ ސިނާއަތު ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ މިސިނާއަތް ތަރައްގީވަމުންދާ ހަލުވި ދުވެއްޔާ އަޅައި ބަލާއިރު، މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކެޕޭސިޓީ އިތުރުކުރުން ކަމަށްވާތީ އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން މިހާރު ހަދަމުންދާ ޓާމިނަލުގެ ހިދުމަތް ދޭން ފެށުމުން، އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވި އަދި އަތޮޅުތަކުގައި ތަރައްގީ ކުރާ އިތުރު އެއާޕޯޓްތަކުގެ ސަބަބުންވެސް ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މިރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބާނީންނަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވި ކުރީގެ ރައީސުންނަށް މަޓީގެ ފަރާތުން ދޭ އެވޯޑު ހަވާލުކޮށްދެއްވާފަ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުމާ ގުޅުވައިގެން މަޓީން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑް ރަސްމިއްޔާތު ބާއްވާފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ޓޫރިސްޓް ރިޒޯޓު ކުރުނބާ މޯލްޑިވްސްގަ އެވެ.