ސްރީލަންކާގެ ވަގުތީ ރައީސް އެގައުމުގައި މިއަދު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފިއެވެ.
ސްރީލަންކާގެ ވަގުތީ ރައީސްކަމާ ހަވާލުވެވަޑައިގެން ހުންނެވި އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ލަންކާގައި ކުއްލި ހާލަތު އިއުލާނުކުރައްވާފައިވާކަން އެގައުމުގެ ސަރުކާރުން ނެރުނު އިއުލާނެއްގައި ވަނީ ހާމަކޮށްފައެވެ. މި ފިޔަވަޅަކީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމާއި އާންމު މަސްލަހަތު ރައްކާތެރިކޮށް ކަށަވަރުކުރަން އަޅާފައިވާ ފިޔަވަޅެއް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ގައުމުން ފިއްލަވައި ސިންގަޕޫރަށް ވަޑައިގެން ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއާއެކު ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވަނީ އެގައުމުގެ ވަގުތީ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ.
ލަންކާގެ އައު ރައީސް ކަނޑައެޅުމުގެ މަސައްކަތް ހޮނިހިރު ދުވަހު މަޖިލީހުން ވަނީ ފަށާފައެވެ. ބުދަ ދުވަހު އައު ރައީސްއަކު ހޮވުމަށް ވޯޓު ނަގަން ނިންމާފައިވާއިރު، އެގައުމުގެ ސަރުކާރު ހިންގާ ޕާޓީ އެސްއެލްޕީޕީން ވަނީ ބޮޑުވަޒީރު ރަނިލްއަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
ސްރީލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި މިއަދުން ފެށިގެން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ވަކިމުއްދަތެއް ނެތް ގޮތަށެވެ.
ކުއްލި ހާލަތު އިއުލާން ކުރިކަން އިއުލާން ކުރުމުގެ ގޮތުން ނެރުން ރިޔާސީ ގަރާރުގައި ވިބުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި އާއްމު މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި ކޮންމެހެން އާއްމު ދިރިއުޅުމަށް ބޭނުންވާ ތަކެތި އާއްމުންނަށް ފޯރުކޮށްދިނުމަށް މަގުފަހި ކުރުމަށްޓަކައި ކަމަށެވެ.
އެގައުމުގެ ސަރުކާރާއި ދެކޮޅަށް ވެރިރަށް ކޮލަމްބޯގެ ގޯލްފޭސްގައި އާއްމު ރައްޔިތުން މުޒާހަރާ ކުރަމުން އަންނަތާ އިއްޔެ ވަނީ 100 ދުވަސް ފުރިހަމަ ވެފައެވެ.