މި އަހަރުގެ ޕްރިމިއާ ލީގާ ގުޅިގެން ވެލިގާ ހާޑްވެއާ އިން ކުރިއަށް ގެންދިޔަ ފެންޓަސީ ޕްރިމިއާ ލީގުގެ ވަނަތައް ހޮވައި، އިނާމު ހަވާލުކޮށްފި އެވެ.
ދެބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ލީގު ކުރިއަށް ގެންގޮސްފައިވަނީ ބޮޑެތި އިނާމުތަކަކާއި އެކުއެވެ.
ލީގުގައި ކުރިއަށް ގެންދިޔަ ދެ ބަޔަކީ އާއްމުންގެ މެދުގައި ކުރިއަށް ގެންދިޔަ ލީގަކާއި، ވެލިގާގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދިޔަ ލީގެކެވެ.
އެގޮތުން އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ލީގަކީ ދިވެހިންނާއި، ރައްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ބައިވެރިވެވޭ ގޮތަށް ގެންގޮސްފައިވާ ލީގެކެވެ. އެ ލީގުގެ އެއް ވަނަ އަށް ހުށައަޅާފައި ވަނީ 30،000ރ. އެވެ. އަދި ދެ ވަނަ އަށް ހުށައަޅާފައި ވަނީ 20،000ރ. އެވެ. ތިން ވަނަ އަށް ހުށައަޅާފައި ވަނީ ޕްލޭސްޓޭޝަން 5 އެކެވެ.
އެ ލީގުގެ އެއް ވަނަ އަށް ލިޒާން އަހުމަދު ހޮވިފައި ވާއިރު، ދެ ވަނަ ކާމިޔާބު ކުރީ އަބްދުﷲ ވަހީދެވެ. އަދި ތިން ވަނަ ލިބުނީ އަލީ ނާހިދަށެވެ. އޭގެ އިތުރުން އިތުރު 10 ނަސީބުވެރިންނަށް 2000 ރުފިޔާގެ ފައިސާގެ އިނާމާއި، އޮރިޖިނަލް ޖާޒީއެއް ވެސް ވަނީ ދީފަ އެވެ.
ވެލިގާގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދިޔަ ލީގުގެ އެއް ވަނަ އަށް ހުށައަޅާފައި ވަނީ ޕްލޭސްޓޭޝަން 5 އެކެވެ. ދެ ވަނަ އަށް ލެޕްޓޮޕް އެއް ހުށައަޅާފައި ވާއިރު، ތިން ވަނަ އަށް ހުށައަޅާފައި ވަނީ ކޮފީ މެޝިނެކެވެ. އެ ލީގުގެ އެއް ވަނަ އަށް ގޮސްފައި ވަނީ މުހައްމަދު ހާޒިމް އެވެ. ދެ ވަނަ އަށް ހަސަން މުއާޒް ގޮސްފައި ވާއިރު، ތިން ވަނަ ލިބިފައި ވަނީ އަމީމް އަށެވެ.
މި ލީގުގައި ރާއްޖޭގެ ފެންޓަސީ ލީގުގެ ބޮޑު ތަރުހީބެއް ވަނީ ލިބިފާ ވާކަމަށް ވެލިގާ އިން ބުންޏެވެ. އެގޮތުން 1200 އަށް ވުރެ ގިނަ މީހުން އެ ލީގުގައި ބައިވެރިވެފައިވާ ކަމަށާއި މިއީ އެ ފިހާރައިން ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ލީގުކަމަށް ވެލިގާ އިން ބުނެއެވެ.
ވެލިގާ އިން އިނާމު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި އަހަރުގެ ޕްރިމިއާ ލީގާއި އެކު ފެންޓަސީ ލީގެއް ފަށާނެ ކަން ވަނީ އިއުލާނު ކޮށްފަ އެވެ. އަދި އެ ލީގަށް ކަނޑައަޅާ އިނާމުތައް ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ވެލިގާ އިން ކުރިއަށް ގެންދިޔަ އެ ލީގުގައި ކޮންމެ މަހަކު އެއް ވަނަ އަށް ގޮސްފައިވާ ލީގުގެ މެނޭޖަރަށް ވަނީ ގިފްޓު ހެމްޕާ ވެސް ދީފަ އެވެ.