ހެއްކާ ބެހޭ ގާނޫނުގައި ހުރި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ރައީސުލްޖުމްހޫރިއްޔާ ގާނޫނު ތަސްދީގުކޮށްފައިވާތީ އެކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެކަން ކުށްވެރިކޮށްފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެގައި ބުނެފައިވަނީ މަސްދަރު ހާމަކުރުމަށް މަޖުބުރުކުރުވޭ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރުމަށް ގޮވާލާ 158 ނޫސްވެރިއަކު ސޮއިކޮށް ރައީސްއަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށް، އޭގައިވާ ކަންބޮޑުވުންތަކަށް ފަރުވާލެއް ބެހެއްޓުމެއް ނެތި އަދި އެކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާކުރުމެއް ވެސް ނެތި މިއަދު އެ ގާނޫނު ތަސްދީގުކޮށްފައި ވާތީ މި ޖަމްއިއްޔާއިން އެކަން ނިހާޔަތަށް ކުށްވެރި ކުރާކަމަށެވެ.
އަދި އެ ޖަމްއިއްޔާއިން އެކަން ދެކެނީ މިއީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމާއި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅައި އެ ހައްގުތައް ހަނިކުރުމަށް ހިންގި އަމަލެއްގެ ގޮތުގައި ކަމަށެވެ.
އަދި މިކަމުން އެނގިގެން ދަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތް ނެތް ކަމަށާއި އަދި ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ހަނިކުރުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަކީ ވަރަށް ގައިރު ޒިންމާދާރު ގޮތެއް ކަމުގައި ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ މަސްދަރު ހާމަކުރުމަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް މި ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރުމަށް މި ޖަމްއިއްޔާއިން ދިވެހި އެންމެން ނޫސްވެރިންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާ ކުރާނެ ކަމުގެ ޔަގީންކަން މި ޖަމްއިއްޔާއިން ދެމެވެ.