ޝަކުވާ ބޮޑުވެފައިވާ ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭގެ ލައިޓް ހަރުކުރުމުގެ މަސައްކަތް އަންނަ އޮގަސްޓްމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އުންމީދުކުރައްވާކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށި އެއާޕޯޓްގެ ރަންވޭގެ ލައިޓް ހަރުނުކުރެވި، ރޭގަނޑު ޕްލައިޓްތައް ނުބޭއްވޭތި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އެކި ފަހަރުމަތިން ލައިޓް ހަރުކުރުމަށް އިއުލާންކުރުމަށްފަހުވެސް އެކަން ނުވެ ލަސްވާތީ މަޝްރޫހު މަށިމާލި ޕެރޭޑްގައިވެސް ވަނީ ފާޑުކިޔާ ފްލޯޓްތައްވެސް ނެރެފަ އެވެ.
ރައްޔިތުންނާ ބައްދަލުކުރަން ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުރާސްފަތިދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި މެމްބަރު ޔާސިރު އަބުދުލް ލަތީފްގެ އަރިހުން، ބައްދަލުވުމުގައި ބައިވެރިވި މުހައްމަދު އަލީ ސާފުކުރަން ބޭނުންވީ އެއާޕޯޓްގެ ރަންވޭގައި ލައިޓް ނުޖެހިގެން އުޅޭ ސަބަބު ހޯދުމަށެވެ.
ކުޅުދުއްފުށި އެއާޕޯޓް އެހާލުގައި އޮތްވާ ބިން ހިއްކައިގެން މާ ފުރިހަމައަށް ގާއިމުކޮށްފައިހުރި އެއާޕޯޓްތައް ރާއްޖޭގައި އެބަހުރި ކަމަށާއި ކުޅުދުއްފުއްޓަށް މި "ތާށި" އަރައިގެން މި އުޅެނީ ކީއްވެތޯ އެވެ.
" ކީއްވެގެންތޯ [އެއާޕޯޓް ރަންވޭ ލައިޓް] ބައްތި ނުޖެހިގެން މިއުޅެނީ. ކޮން ތާއްޓެއްތޯ މިއަރަނީ." ބައްދަލުވުމުގައި ބައިވެރިވި ރައްޔިތަކު ސުވާލުކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މެމްބަރު ޔާސިރު ވިދާޅުވީ، އެއާޕޯޓް ކަންތަކުގައި ކަންބޮޑުވުން އެބަހުރި ކަމަށެވެ. އެއާޕޯޓްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރި މަސައްކަތްތައް ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވީ، މި ސަރުކާރުގެ ވިސްނުމަކަށްވީ ކުރިން ސަރުކާރުން ކޮށްފައި ހުންނަ ކަންކަން ނުކޮށް ދޫކޮށްލުން ނޫން ކަމަށާއި މީގެ ކުރިން އެކަހަލަ މަންޒަރުތަކެއް ފެނުނު ކަމުގައިވިޔަސް މި ސަރުކާރުގެ ވިސްނުމަކަށްވީ އެއާޕޯޓް އެންމެ އަވަހަށް އޮޕަރޭޝަނަށް ގެނެވުން ކަމަށެވެ.
"ފުރަތަމަ ފަހަރު ލައިޓިންގއަށް އިއުލާންކުރެވުނީ ކޮވިޑްގެ ކުރިން. ދެން ކޮވިޑާއެކު ގާތްގަނޑަކަށް ދެން ހުރިހާ ޕްރޮޖެކްޓްތަކެއް ހޯލްޑްކުރި. ހޯލްޑް ކުރުމަށްފަހު ސަރުކާރުން އުފެއްދީ ކުންފުންޏެއް." ޔާސިރު ވިދާޅުވި އެވެ.
ރީޖަނަލް އެއާޕޯޓްސް އުފެއްދައި ކުންފުނިން އެކުލަވާލުމަށް 6 މަސް ނެގި ކަމަށާ އެކަމަކު ކުންފުނިން އެންމެ ފުރަތަމަ އިއުލާންކުރީ ކުޅުދުއްފުށި އެއާޕޯޓް ރަންވޭގެ ލައިޓިންގ މަސައްކަތް ކަމަށެވެ. ޔާސިރު ވިދާޅުވީ، އެއާޕޯޓަކީ ކުރަހާފައި އޮތް އެއާޕޯޓަކަށް ނުވާތީ ކުރެހުމަށްވެސް ވަގުތުތަކެއް ނެގިކަން ފާހަގަކުރެއްވި އެވެ.
އެއާޕޯޓްގެ އުތުރުކޮޅު ތޮށިގަނޑު ހަލާކުވެފައިވާތީ އެ މަސައްކަތަށްފަހު ލައިޓިންގގެ މަސައްކަތްކުރުމަށް ލަސްކޮށްލި ކަމަށާއި އަގުބޮޑު އެ ލައިޓްތައް ޖަހާތަނުން އެތަން ގިރާލައި ލައިޓްތަކަށް ގެއްލުންވެއްޖެ ނަމަ އަނެއްކާވެސް އެ މަސައްކަތް އަލުން ކުރަން ޖެހުމަކީ ފަސޭހަކަމަށްނުވާތީވެސް ގޮށިގަނޑު ހެދުމަށްފަހު ލައިޓް ހަރުކުރުމަށް ލަސްކުރި ކަމަށް ޔާސިރު ވިދާޅުވި އެވެ.
އެހެންނަމަވެސް މިހާރު އަންގާފައިވަނީ އެހެން އެކަން އޮތަސް ލައިޓިންގގެ މަސައްކަތް ކުރިއަށްގެންދިޔުމަށްކަމަށްވާތީ އުންމީދުކުރަނީ އަންނަ އޯގަސްޓްމަހުގެ ތެރޭގައި އެކަން ފުދިގެންދާނެކަމަށެވެ.