twitterviber whatsapp telegramfacebookyoutube instagram
19th April 2024

މަންކީޕޮކްސް ރާއްޖެ އައުމުގެ ފުރުސަތު އެބައޮތް: އެޗްޕީއޭ

ނަބީލާ އިސްމާޢީލް
Jul 25, 2022

ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ފެތުރެމުން އަންނަ މަންކީ ޕޮކްސް ރާއްޖެއަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ގައުމުތަކުގައި މަކުނު ވިދުރި ފެތުރޭ މިންވަރު އިތުވަމުން ދިއުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން މުޅި ދުނިޔޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ.

މަކުނު ވިދުރި އަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކަނޑައެޅުމާ ގުޅިގެން އެޗްޕީއޭ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ދުނިޔޭގެ ގައުމުތަކުގައި މަކުނު ވިދުރި ފެތުރެމުންދާ ހާލަތަށް ބަލައިއިރު، ރާއްޖެއަށް ވެސް މި ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެހެންނަމަވެސް ކޮވިޑް ބައްޔާ އަޅައި ބަލައިއިރު، މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށް ވުމުން މި ބަލި ފެތުރޭ ގޮތް ތަފާތުވާނެ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

އަދި މަންކީޕޮކްސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި ބަލި ކަށަވަރު ކުރެވެންދެން ވަގުތުން އެހެން މީހުންނާއި ގައިގޯޅިވުމުން ދުރުވެ އެކަހެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހާއްސަ ގޮތެއްގައި ބަލި ފެތުރުމުގެ ފުރުސަތު އޮތް މީހުން ސަމާލުވުމަށް ވަނީ އެދިފައެވެ.

މުޖްތަމައުގައި މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމުގައިވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ. އެގޮތުން ގިނަ ގިނައިން އަތްދޮވުމާއި މާސްކު އަޅައިގެން އުޅުމާއި ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވަނީ އެދިފައެވެ.

އެޗްޕީއޭއިން ރޭ ބުނީ މަންކީ ޕޮކްސް ފެތުރެން ފެށުމުން ދުނިޔޭގައި އެ ބަލި ފެތުރެމުންދާ ގޮތް މޮނިޓާކޮށް ބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތައްޔާރީތަކަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބައްޔަށް ސިއްހީ ހިދުމަތްތެރީން އަހުލުވެރި ކުރުމާއި ޓެސްޓް ކުރެވޭނެ ގޮތް ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

އަދި ސާވެއިލެންސް ހަރުދަނާ ކުރުމާއި ބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމާބެހޭ ގައިޑްލައިންތައް ކަނޑައެޅުން ފަދަ މަސައްކަތްތަކާއެކު ވެކްސިނާއި ބޭސް ލިބޭނެ ގޮތްވެސް ބަލަމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355