twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޖޫންމަހު ކުނިކޮށި ވެމްކޯއާ ހަވާލުނުކުރެވުނީ ހުށަހެޅުންތަކަށް ކައުންސިލުން ބޭނުންވާ ބަދަލު ގެނައުމަށް

އަބްދުލް ވާހިދު ޙަސަން
Jul 25, 2022

ކުޅުދުއްފުށި ސިޓީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ، ކުނީގެ މައްސަލަ ހައްލުކުރުމަށް މިދިޔަ ޖޫންމަހުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކުރެވޭނެކަމަށް ވިދާޅުވިނަމަވެސް އެ މަސައްކަތް އެފަރާތާ ހަވާލުނުކުރެވުނު ސަބަބު، މޭޔަރު މުހައްމަދު އާތިފް ހާމަކޮށްދެއްވައިފި އެވެ.

ސިޓީ ކައުންސިލަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ މެއިމަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވެފައިވަނީ، ދާއިމީ ގޮތެއްގައި ކުނި މެނޭޖްކުރުމަށް ޖޫންމަހު ތެރޭގައި ވެމްކޯއާއެކު އެގްރިމެންޓަކާހަމައަށް އާދެވޭނެ ކަމަށެވެ.

އެހެންނަމަވެސް ޖޫންމަސް ނިމިގެންދިޔައިރުވެސް އެ މަސައްކަތް ވެމްކޯއާ ހަވާލުކުރެވި މަސައްކަތް ފެށިފައެއްނުވެ އެވެ.

ކުނިކޮށީގެ ހަބަރަކަށް ގިނަ ބަޔަކު އިންތިޒާރުގައި ތިއްބާ، ބުރާސްފަތިދުވަހު ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު އާތިފް ވިދާޅުވީ، ޓާގެޓްކޮށްގެން ތިބީ ޖޫންމަހު ކުނިކޮށި ވެމްކޯއާ ހަވާލުކުރަން ކަމަށާ އެހެންނަމަވެސް ވެމްކޯއިން އައި ހުށަހެޅުންތަކަށް ސިޓީ ކައުންސިލުން ބޭނުންވާ ބައެއް ބަދަލުތަކެއް ގެނައުމަށް ހުރުމުން ވަގުތު ނަގަނީ އެވެ.

"ވެމްކޯއާ ހަވާލުކުރަން އަޅުގަނޑުމެން ޓާގެޓް ކޮށްގެން ތިބީ ޖޫންމަހަށް. އެހެންނަމަވެސް ވެމްކޯއިން އައި ހުށަހެޅުންތަކުގައި އަޅުގަނޑުމެން އިސްލާހްކުރަން ބޭނުންވާ ބައެއް ކަހަލަ ކަންތައްތައްވެސް ހުރުމާއެކު މިހާރު އަޅުގަނޑުމެންވާނީ އެކަންކަން ހުށަހަޅާފަ." މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، ވެމްކޯއާ ކުނިކޮށި ހަވާލުކުރެވިގެންދާއިރު ކުނި މެނޭޖްކުރުމުގެ ކަންކަން ކުރިއަށްދާނީ މާލޭގައިވެސް އެކަން ކުރިއަށްދާ ގޮތަށް ކަމަށެވެ. އެގޮތުން އަމިއްލައަށް ކުނި އުކާލާ ފަރާތްތަކުގެ އަތުންވެސް ޗާޖްކުރާނެ ކަމަށާއި ގޭގެއިން ކުނި ނެގުމުގެ ހިދުމަތްވެސް ފެސޭނެ ގޮތަށް ރޭވުމަށް މިހާރު ވާނީ އެދިފައިކަމަށް މޭޔަރު ވިދާޅުވި އެވެ.

ފީ ކުޑަކުރުމަށް ސަރުކާރުން ދޭ ސަބްސިޑީ ހޯދުމަށްވެސް ސިޓީ ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައިވާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވެގައިވަނީ ކުނި މެނޭޖްކުރުމުގެ ކަންކަން ވެމްކޯއާ ހަވާލުކުރުމަށްފަހު ޓައިމްލައިންތަކެއް ހެދި ކުނިމެނޭޖްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން ކުނިކޮށި ހަމައަކަށް އެޅުވުމަށްފަހު ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތްވެސް ވެމްކޯއާ ހަވާލުކުރެވޭނެ ކަމަށެވެ. އަދި ރަށުން ކުނި ބޭރުކުރެވޭނެ ގޮތްވެސް ސަރުކާރާއެކު މަސައްކަތް ކުރެވިގެން ހާސިލްކުރެވޭނެކަމަށް ކުރިން ވިދާޅުވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355