twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދެވަނަ ކުއާޓާގައި ގެވެށި އަނިޔާގެ 169 މައްސަލައެއް

ޚަދީޖާ އާދަމް
Jul 27, 2022

މިއަހަރުގެ ދެވަނަ ކުއަރޓަރގައި ގެވެށި އަނިޔާގެ 169 މައްސަލައެއް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2022 ވަނަ އަހަރުގެ ދެވަނަ ކުއަރޓަރގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ އޮތޯރިޓީއަށް ޖުމްލަ 169 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މީގެ ތެރެއިން ބައެއް މައްސަލަތަކަކީ އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާއިން ހުށަހަޅާފައިވާ މައްސަލަތަކެއްކަމުން ފުރަތަމަ ކުއަރޓަރގައި ޖުމްލަ 188 ރިފަރަލް އެ އޮތޯރިޓީއަށް ލިބިފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ރިފަރަލް ހުށަހަޅާފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުންނެވެ.

އެ މިނިސްޓްރީން އެކަނިވެސް 100 ރިފަރަލެއް ހުށަހަޅާފައިވެއެވެ. ފުލުހުންގެ ފަރާތުން 65 ރިފަރަލެއް ލިބިފައިވާއިރު ސިއްހީ ހިދުމަތްތެރިންގެ ފަރާތުން 9 ރިފަރަލް އަދި 4 މައްސަލައެއް ސީދާ އޮތޯރިޓީއަށް ހުށަހަޅާފައިވެއެވެ.

ދެވަނަ ކުއަރޓަރގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތަކުގެ %68 މައްސަލައަކީ ގްރޭޓަރ މާލޭ ސަރަޙައްދުން ހުށަހެޅުނު މައްސަލަތަކެވެ. މީގެ ތެރޭގައި 128 މައްސަލައެއް ހިމެނެއެވެ. ދެން އެންމެ ގިނަ މައްސަލަތައް ހުށަހަޅާފައިވަނީ ބ. އަތޮޅާއި، އއ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީންނެވެ.

އެފް.ޕީ.އޭއިން ވިދާޅުވީ މިއަހަރުގެ ދެވަނަ ކުއަރޓަރގައި ޖުމްލަ 219 މީހުންނަށް ގެވެށި އަނިޔާ ލިބިފައިވާކަމަށް ރިޕޯޓުކުރެވުނުކަމަށެވެ. މީގެ ތެރޭގައި 18 އަހަރުން މަތީގެ 112 އަންހެނުން، 22 ފިރިހެނުން އަދި 18 އަހަރުން ދަށުގެ 55 އަންހެންކުދިންނާއި 25 ފިރިހެން ކުދިން ހިމެނެއެވެ. އަދި ޖިންސުގެ މަޢުލޫމާތު ލިބިފައިނުވާ 5 ކުޑަކުދިންވެސް ހިމެނެއެވެ. ގެވެށި އަނިޔާގެ އަމަލެއް ހިންގައިގެން ރިޕޯޓްކުރެވުނު މީހުންގެ ޖުމްލަ އަދަދަކީ 187 އެކެވެ. މީގެ ތެރޭގައި 155 ފިރިހެނުން އަދި 32 އަންހެނުން ހިމެނެއެވެ.

ދެވަނަ ކުއަރޓަރގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހެޅުނު ވަކިވަކި މައްސަލަތަކަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ހިނގާފައިވާކަމަށް ރިޕޯޓްކުރެވިފައިވާ ގެވެށި އަނިޔާގެ ޢަމަލުތަކަކީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާގެ 117 ހާދިސާއެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓްކުރެވިފައިވެއެވެ. ނަފްސާނީ އަނިޔާ އަދި ބަހުގެ ހަމަލާ ދިނުމުގެ 116 ހާދިސާއަކާއި ބިރުދެއްކުމުގެ 83 ހާދިސާއެއްވެސް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ. މި 3 ބާވަތުގެ އަނިޔާއަކީ ފާއިތުވި 3 އަހަރުގެ ތެރޭގައިވެސް އެންމެ ގނަ އަދަދަކަށް ހިންގާފައިވާކަމަށް ރިޕޯޓްކުރެވިފައިވާ ގެވެށި އަނިޔާގެ ޢަމަލުތައްކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ދެވަނަ ކުއަރޓަރގައި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، އެންމެ ގިނަ ޢަދަދަކަށް ގެވެށި އަނިޔާ ހިންގާފައިވަނީ ކައިވެނިކޮށްގެން ނުވަތަ އިނދެވަރުކޮށްފައިވާ މީހުންގެ ދެމެދުގައެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ %43.4 އެވެ. %32 އާއެކު ދެވަނަ އަށް އެންމެ ގިނަ ޢަދަދަކަށް ގެވެށި އަނިޔާ ހިންގާފައިވަނީ މައިންބަފައިން ނުވަތަ ކުއްޖެއްގެ ބެލެނިވެރިއެއްގެގޮތުގައި ނުވަތަ ބަލަދުވެރިއެއްގެގޮތުގައި ކުއްޖަކު ބަލާބޮޑުކުރުމުގެ ޒިންމާއާ ޙަވާލުވެފައިވާ މީހުންގެ ދެމެދުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355