twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހިޖުރީ ތާރީޚުގެ ފެށުން

ހ.މ
Jul 31, 2022

މުސްލިމުން ބޭނުންކުރަމުން އަންނަ ހިޖުރީ ތާރީޚަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ ގުޅުވައި ޖަހަންފެށި ތާރީޚެކެވެ. މިތާރީޚު ޖަހަން ފެށުނީ، ހިޖުރައިގެ 17 އަހަރު ފަހުންނެވެ. މިއުންމަތުގެ 2 ވަނަ ޚަލީފާ ޢުމަރު ގެފާނުގެ ޚިލާފަތުގައެވެ. އޭގެ ކުރިން ލިޔެކިޔުންތަކުގައި އޮންނަނީ މަސްތަކުގެ ނަން އެކަނި ކަމަށްވެއެވެ.

ހިޖުރީ ތާރީޚު ޖަހަން ފެށުމުގެ ކުރިންވެސް މަސްތަކުގެ ނަންތައް ބޭނުންކުރެއެވެ. ނަމަވެސް ނަންބަރެއް ނުހުރެއެވެ. އަދި އަހަރުގެ އަދަދެއްވެސް ނުހުރެއެވެ. އެޒަމާނުގައި އަހަރު ނިސްބަތްކޮށް އުޅުނީ އެދުވަސްވަރަކު ހިނގާ ބޮޑު ކަމަކާއި ގުޅުވައެވެ. މިސާލަކަށް، އަބްރަހާގެ ލަޝްކަރު ގެފުޅު ތަޅާލަން އައި ދުވަސްވަރުން ފެށިގެން ޢާމުލްފީލްގެ އަހަރުގެ ނަމުން އަހަރުގެ ނަންދެވި އެގޮތަށް ކިޔައި އުޅުނެވެ.

ހިޖުރީ ތާރީޚު ފެށުމަށް މެދުވެރިވި ސަބަބެއް ކަމަށް ބުނެވެނީ، ބަސަރާގެ އަމީރަކަށް ހުންނެވި އަބޫ މޫސާ އަލް އަޝްޢަރީ ފޮނުއްވެވި ސިޓީއަކާއި ގުޅިގެންނެވެ. ޢުމަރު ގެފާނު ބަސަރާގެ އަމީރަށް ފޮނުއްވެވި ލިޔުމުގެ ތާރީޚަކަށް ހަމައެކަނި "ޝަޢުބާން" އޮތުމުން އެރި އޮޅުމަކުންނެވެ. އެހެން އޮތުމުން، އެއީ ފާއިތުވި އަހަރުގެ ޝަޢުބާން ކަމެއް ނުވަތަ ހިނގަމުންދާ އަހަރުގެ ޝަޢުބާން ކަމެއް ސާފެއް ނުވިއެވެ. އެކަން ސާފުކޮށް ދެއްވުމަށް، އަބޫ މޫސާ އަލް އަޝްޢަރީ، ޢުމަރު ގެފާނަށް ސިޓީއެއް ފޮނުއްވިއެވެ. އެއާ ގުޅިގެން ޢުމަރު ގެފާނު، މުސްލިމުން އެއްކުރައްވާ އެކަމަށް މަޝްވަރާ ކުރެއްވި އެވެ.

މުސްލިމުންގެ ފަރާތުން ތަފާތު ހުށަހެޅުންތައް ލިބިވަޑައިގަތެވެ. ތާރީޚު ޖަހަންފަށާނެ ދުވަހަކާ ގުޅޭގޮތުންނެވެ. އެގޮތުން ބައެއް ބޭކަލުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އުފަންވެ ވަޑައިގަތް ދުވަހުން ފެށިގެން ޖެހުމަށް ހުށަހެޅިއެވެ. އަނެއްބައި ބޭކަލުން އެކަލޭގެފާނު ރަސޫލު ކަމައިގެން ފޮނުއްވެވި ތާރީޚުން ފެށިގެން ޖެހުމަށް ހުށަހެޅުއްވިއެވެ. އަދި ކީރިތި ރަސޫލާގެ ހިޖުރައާ ގުޅުވައި ޖައްސަވަން ފެއްޓެވުމަށްވެސް މަޝްވަރާ އެރުވުނެވެ.

މަޝްވަރާއިން ނިމުނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހިޖުރަ ކުރެއްވި ދުވަހުން ފެށިގެން ހިޖުރީ ތާރީޚު ފެއްޓުމަށެވެ. ސަބަބެއް ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވަނީ އިސްލާމް ދީން މުޅި ދުނިޔެއަށް ފެތުރިގެން ދިޔައީ ހިޖުރައަށް ފަހުގައި ކަމަށްވުމެވެ.

ހަމަ އެއާއެކު ހިޖުރީ އަހަރުގެ މަސްތައް ތަރުތީބު ކުރުމުގައިވެސް މަޝްވަރާ ކުރެވުނެވެ. ބައެއް ބޭކަލުން ރަމަޟާން މަހުން އަހަރު ފެށުމަށް ހުށަހެޅުއްވިއެވެ. ހިޖުރީ އަހަރު މުޙައްރަމް މަހުން ފެށުމަށް ހުށަހެޅުއްވީ ޢުމަރު ގެފާނެވެ. އެއަށް އެހެން ބޭކަލުންގެ ތާއީދާއެކު އެގޮތަށް ކަނޑައެޅިގެންދިޔައެވެ. ހިޖުރީ މަސްތަކުގައި އޮންނަނީ 29 ނުވަތަ 30 ދުވަހެވެ. ދުވަސް ބަލަނީ ހަނދުގެ ބުރުންނެވެ. ދުނިޔެވަށާ ހަނދު ފުރިހަމަ ކުރާ ކޮންމެ ބުރަކީ އެއްމަސް ދުވަހެވެ.

ފެށިގެން މިދިޔައީ ހިޖުރީ ގޮތުން 1444 ވަނަ އަހަރެވެ. މިއަހަރަކީ އަޅަމެންނަށް ރަޙުމަތުން ފުރިގެންވާ ބަރަކާތްތެރި އަހަރެއް ކަމުގައި ލައްވާށި. އާމީން.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355