twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބޭރުގެ މަސްދޯނިތަކަށް ހުއްދަ ދޫކުރާނެ ގަވާއިދެއް އެކުލަވާލައިފި

ނަބީލާ އިސްމާޢީލް
Aug 6, 2022

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަން ބޭރުގެ މަސްވެރި އުޅަނދުތަކަށް ފިޝަރީސް މިނިސްޓްރީން ހުއްދަ ދިނުމުގައި އަމަލު ކުރާނެ ގޮތާ ގުޅޭ ގަވާއިދެއް އެކުލަވާލައި، އާންމުކޮށްފިއެވެ.

ފިޝަރީސް މިނިސްޓްރީން ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރި އުޅަނދުފަހަރު ރިޕޯޓުކުރުމެއް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވާއިދު ގެޒެޓުކޮށްފައެވެ.

އެ ގަވާއިދުގަވަނީ ބޭރުގެ މަސްވެރި އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ނުވަތަ ހުރަސްކޮށްފައި ދިއުމުގެ 96 ގަޑިއިރު ކުރިން ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އެ ހުއްދަ ހުށަހަޅަން ވާނީ އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރުގެ ފަރާތުންނެވެ. ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަން ފޯމެއް މެދުވެރިކޮށެވެ.

އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި އުޅަނދުގެ ފަޅުވެރިންގެ މައުލޫމާތާއި އުޅަނދުގައި ހަތިޔާރު ނުވަތަ ގޮވާއެއްޗިހި ހުރި ނަމަ އެތަކެއްޗާ ގުޅޭ މައުލޫމާތު ހިމެނެއެވެ.

އެ ފޯމު ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި އެ އުޅަނދަކަށް ހުއްދަ ދިނުމާ ބެހޭ ގޮތުން މިނިސްޓްރީން ގޮތެއް ނިންމައި، އެކަން އަންގަން ވާނެ ކަމަށް ގަވާއިދުގައިވެއެވެ.

ފިޝަރީސް މިނިސްޓްރީން ދޫކުރާ ހުއްދައިގައި ހިމަނަން ޖެހޭ މައުލޫމާތުގެ ތެރޭގައި އުޅަނދާއި އުޅަނދުގެ ވެރިފަރާތުގެ ނަމުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ހުއްދަ ދެވޭ ތާރީހާއި ވަނުމަށް ހުއްދަދެވޭ ޖީޕީއެސް ޕޮޒިޝަން ހިމެނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އުޅަނދު ނިކުންނަން ޖެހޭ ތާރީހާއި ނިކުތުމަށް ހުއްދަދެވޭ ޖީޕީއެސް ޕޮޒިޝަން ވެސް ހުއްދައިގައި ހިމަނަން ވާނެ ކަމަށް ގަވާއިދުގައިވެއެވެ.

މީގެ އިތުރުން އެ ގަވާއިދުގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް މަސްވެރިކަން ކުރަމުން ގެންދާކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ވީ ނަމަވެސް އެ އުޅަނދެއް ހުއްޓުވުމުގެ ބާރު ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރުންނަށް ލިބިގެންވާ ކަމަށް ބުނެފައެވެ.

ގަވާއިދުތަކާ ހިލާފަށް މަސްވެރިކަން ކުރަމުން ގެންދާކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދުތަކާއެކު ހަރަކާތްތެރިވާ ނުވަތަ އެ އުޅަނދުތަކާ ގުޅިފައިވާ އުޅަނދުތައް ނުވަތަ އެ އުޅަނދުތަކަށް އެހީތެރިކަން ފޯރުކޮށްދޭ އުޅަނދުތައް ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ހުއްޓުވިދާނެ ކަމަށް ގަވާއިދުގައިވެއެވެ.

އެ ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަންތައްތަކާ ގުޅިގެން "ގާނޫނާއި ގަވާއިދާ ޚިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސް ކުރާ ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއް އެކުލަވައިލަން ވާނެ ކަމަށް ވެސް ގަވާއިދުގައި ބަޔާން ކުރެއެވެ.

އެ ކޮމިޓީގައި ސިފައިންގެ ކޯސްޓްގާޑާއި ފުލުހުންނާއި ކަސްޓަމްސްއާއި އިމިގްރޭޝަނާއި ފިޝަރީސް މިނިސްޓްރީން ގުޅިގެން މަސައްކަތް ކުރަންވާނެ ކަމަށް ގަވާއިދުގައިވެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355