twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވަކި ގާނޫނީ ބާރާއެކު އިންސާނީ ޚިދުމަތް އެންމެނަށް، ކުދި މަސައްކަތުން ބޮޑެތި ނަތީޖާ

Aug 16, 2022
2

2004 ގެ ސުނާމީގެ ކުރިން ކާރިސާއަކީ ކޮން އެއްޗެއްކަމެއްވެސް ގިނަ ދިވެހިންނަކަށް ނޭނގެއެވެ. ސުނާމީގެ ހައްސާސީ، ހިތާމަވެރި ވަގުތުގައި ދުނިޔޭގެ ހަތަރު ބިތުން ދިވެހިންނަށް އެހީގެ އަތްތައް ދިއްކޮށްލިއެވެ. އޭގެތެރޭގައި ބޮޑު ރޯލެއް، ބައިނަލްއަގުވާމީ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ހަރަކާތުން އަދާކުރިއެވެ. "ރެޑް ކްރޮސް" އަކީ ދިވެހި ގޭބިސީތަކާއި، ގޭބިސީތަކާ އިންވެގެން ހުރި ޖޯލިފަތިތަކުގައިވެސް އާއްމު ނަމަކަށް ވެގެންދިޔައެވެ.

ވަކި ގާނޫނަކުން ލިބިދިން ބާރުވެރިކަމާއެކު ދިވެހި ރެޑް ކްރެސެންޓް ވުޖޫދުވެގެން ދިޔައީ 2009 ވަނަ އަހަރުއެވެ. މީގެ ބަރާބަރު 13 އަހަރު ކުރިންނެވެ. އޭރުވެސް، އޭގެކުރިންވެސް އެކި ކަންކަމުގައި، ވަރަށް ހަރަކާތްތެރިކޮށް ކްލަބް ޖަމިއްޔާތަކުން މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް، ދިވެހި ރެޑް ކްރެސެންޓް ވުޖޫދަށް ގާނޫނު ނަންބަރު 7/2009، ދިވެހި ރެޑް ކްރެސެންޓްގެ ގާނޫނާއެކުއެވެ. ޖަމިއްޔާއެއްގެ ސިފަތައް ލިބިދީފައިވިކަމަކު، މިއީ ވަކި މަސްއޫލިއްޔަތުތަކެއް މަތިކޮށްފައިވާ، އިންސާނީ ހިދުމަތުގެ މުއައްސަސާއެކެވެ.

13 އަހަރު އިންސާނީ ޚިދުމަތުގައި: ކުދި މަސައްކަތްތަކުން ބޮޑެތި ނަތީޖާ

13 އަހަރަކީ ނިސްބަތުން ބަލާކަމުގައިވާނަމަ މަދު ދުވަސްކޮޅެކެވެ. އެހެންނަމަވެސް، މި ކުރު މުއްދަތުގައިވެސް ރާއްޖޭގައި އެތައްކަމެއް ނިއުޅެމުން ގޮސްފިއެވެ. ބޮޑެތި ކަންކަމާ ކުރިމަތިވެ، އެންމެ ބޭނުން ޖެހުނު ކޮންމެ ހިނދެއްގައިވެސް ރެޑް ކްރެސެންޓުން ހިދުމަތް ދީފައިވެއެވެ. މުޅި ރާއްޖޭގައިވެސް އަދި ވަކިން ބެލި ކަމުގައިވިޔަސް ކުޅުދުއްފުށީގައިވެސްމެއެވެ.

ދިވެހި ރެޑް ކްރެސެންޓްގެ ގިނަ މަސައްކަތްތަކެއް، ކާރިސާތަކާއި، ހާދިސާތަކާއި، ހަމަނުޖެހުމާއި ބަލި މަޑުކަމުގައި ކުރަން މަތިކޮށްފައިވީކަމުގައިވިޔަސް، މިކަންކަމަށް ތައްޔާރުވެ، މުޅި މުޖުތަމައުގެ ވިލުންވެރިކަމަށްޓަކައި އާއްމު ހާލަތުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެގޮތުން ދިވެހި ރެޑް ކްރެސެންޓްގެ މަސައްކަތްތައް ބައްޓަންކުރެވިފައިވަނީ ދެތިން ދާއިރާއަކަށް ނޫނެވެ. ގިނަ ދާއިރާތަކެއްގެ މައްޗަށެވެ. ރަތް ކުލައިގެ ޖެކެޓުގައި އެކި އުމުރުގެ ފަރާތްތައް ބޭރުތެރެއިން އެކި ކަންކަމުގައި ފެންނަނީ މި ދެންނެވި ސަބަބާ ގުޅިގެންނެވެ.

13 އަހަރުގެ މަސައްކަތްތަކަށް އަލި އަޅުވާލަމުންދާއިރު މިފަދަ ކާމިޔާބު ކަންކަމަށް ބަލާލުމަކީ ނެތްކަމެއް ނޫނެވެ.

ކާރިސާތަކާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ރޭވުންތައް ރޭވުމަށް މަގުފަހިކޮށްދިނުމަށް ދެ ފަހަރެއްގެ މަތިން ދިވެހި ރެޑް ކްރެސެންޓް އިން ވަނީ ކުޅުދުއްފުށީގެ ނާޒުކުކަމާއި ގާބިލިއްޔަތިކަމުގެ ދިރާސާ ކުރިއަށް ގެންގޮސްފައެވެ. ކޮންމެ ފަހަރަކުވެސް ރަށުގެ ހުރިހާ މުއައްސަސާއެއްގެ ބައިވެރިވުމާއި، ގިނަ އާއްމު ރައްޔިތުންގެ ބައިވެރިވުމާއެކު މިކަން ކުރިއަށް ގެންގޮސްފައިވެއެވެ.

މޫސުމީ ބަދަލުތަކާއި އެނޫންވެސް އެކި ސަބަބުތަކާ ގުޅިގެން ކުޅުދުއްފުށީގައި ފެންބޮޑުވުމަކީ އާއްމު ކަމެކެވެ. ދެ ގަޑިއެއްހާއިރު ބޯކޮށް ވާރޭވެހިއްޖެނަމަ، ފެން ހިންދަން ޖެހިދާނެކަމަށް ބެލެވެއެވެ. މިގޮތަށް ފެން ހިންދަން ޖެހޭ ކޮންމެ ފަހަރަކުވެސް، އެންމެ ކުރީ ސަފަށް، ތަމްރީނުވެފައިވާ ދަރުމަވެރިން ނިކުމެއެވެ. މަގުތަކުން ފެން ހިންދުމާއި، ގެއްލުން ދެނެގަންނަ އެސެސްމަންޓްތައް ހެދުމާއި، ގުޅުންހުރި އިދާރީ މަސައްކަތްތަކާއި ގެތައް ސާފުކުރުމުގައިވެސް ހަރަކާތްތެރިވެފައިވެއެވެ.

އުމުރުން ދުވަސްވީ ފަރާތްތަކަކީވެސް އިޖުތިމާއީ ކަންކަމުގައި ބައިވެރިވާ އަދި އެއުމުރުގެ ފަރާތްތަކަށް ހާއްސަ އިޖުތިމާއީ ހަރަކާތްތައް ބާއްވަން ފަށާފައިވަނީވެސް ދިވެހި ރެޑް ކްރެސެންޓް އިންނެވެ. 2019 ވަނަ އަހަރު ފުރަތަމަ އިސްރަށްވެހިންގެ ހަވީރު ބާއްވާ، އެހެން އިދާރާތަކާ ގުޅިގެން މިދިޔަ އަހަރުވެސް މި ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ. ހަމައެހެންމެ، ގަވާއިދުން، އިސްރަށްވެހިން އަދި ވަކީން ހާއްސަކޮށް އެކަނި ދިރިއުޅެމުންދާ އިސްރަށްވެހިންގެ ހާލު އަންނަނީ ބަލަމުންނެވެ. ކޯވިޑްގެ ދަތި ދުވަސްވަރުވެސް ފޯނުގެ ޒަރީއާއިން މި މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮންމެ އަހަރަކުވެސް އިރުވައި މޫސުން ނިމި، ހުޅަނގު މޫސުމާ ބެދޭ ދުވަސްވަރު އަންނަ ވިއްސާރައަށްފަހު ޑެންގީ އިތުރުވެއެވެ. 2018 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރަކުވެސް ރެޑް ކްރެސެންޓް އިން އަންނަނީ ކުޅުދުއްފުށީގައި މެދުކެނޑުމެއް ނެތި ދުރާލާ ޕްރޮގްރާމްތައް ހިންގަމުންނެވެ. މަދިރި ފަނި އާލާވާ ފެންގަނޑުތަކަށް މަސް ލުމާއި، ބޭސް އެޅުމުގެ ކަންކަން، ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ވާގިވެރިވެ އަންނަނީ ކުރަމުންނެވެ.

ދެން ދިވެހި ރެޑް ކްރެސެންޓް އިން ކުރިއަށް ގެންދިޔަ އެންމެ ފާހަގަކޮށްލެވޭ، އެންމެ ބޮޑު މަސައްކަތަކީ ކޯވިޑްގެ އާލަމީ ވަބާހެ ދުވަސްވަރު ކުރި މަސައްކަތްތަކެވެ. ފުރަތަމަ ފުރަބަންދުގެ ދުވަސްވަރު ސޯޝަލް ސަޕޯޓް ޑެސްކުގައި ދިން ޚިދުމަތްތަކެވެ. ރަށްރަށުން އަންނަން ބޭނުންވާ ފަރާތްތަކަށް ހުއްދަ ދޫކުރުމާއި، ވަގުތީ ފާސް ދޫކުރުމުގެ މަސައްކަތްތަކެވެ. ނާޒުކު ފަރާތްތަކުގެ ހާލަތު ބެލުމާއި ހޭލުންތެރިކުރުވުމުގެ ގިނަ މަސައްކަތްތަކެވެ. "މޮނިޓަރިންގ" އަށް ލީ ފަހަރުތަކުގައި ބަނދަރުގައި ދިން ޚިދުމަތްތަކެވެ.

ހަމައެހެންމެ، ކުޅިވަރު މުބާރާތްތަކާއި އިޖުތިމާއީ އެކި ހަރަކާތްތަކަށް ފުރަތަމަ އެހީގެ ޚިދުމަތް ދިނުމަކީ ރެޑް ކްރެސެންޓް އިން ކުރަމުން އަންނަ މުހިއްމު މަސައްކަތެކެވެ. ހަމައެހެންމެ، ފުރަތަމަ އެހީގެ އެންމެ ރަނގަޅު އުކުޅުތައް އަންގައިދިނުމަށް ސްކޫލުތަކަށް ކުރިއަށް ގެންދާ ސެޝަންތަކާއި، އާއްމުންނާއި، ހިރާސް ބޮޑު ދާއިރާތަކުގެ ފަރާތްތަކަށް އަންނަނީ ތަމްރީނުތައް ނަގައިދެމުންނެވެ. އެގޮތުން މި އަހަރު، މަސްވެރިންނަށް ހާއްސަ މިފަދަ ޕްރޮގްރާމެއް ވަނީ ފެށިފައެވެ.

މީގެއިތުރުންވެސް މިފަދަ ގިނަ ކަންކަމެއް އަންނަނީ ކުރަމުންނެވެ. ކުދި ކުދި ފިޔަވަޅުތަކުން ބޮޑެތި ނަތީޖާތައް ނެރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. މާހައުލީ ވެށި އިޔާދަކޮށް، އެތަންތަނުގެ އެންމެ ފުރިހަމަ ބޭނުން ޖީލުތަކަށް ވާސިލުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަންހެނުން ބާރުވެރިކޮށް، ވަކި މިންތިއަކަށްވީތީ ކުރާ އަނިޔާއިން މިންޖުކުރުމަށް މަސައްކަތް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. އާއްމު ފުރަތަމަ އެހީއެކޭ އެއްގޮތަށް ނަފްސާނީ ފުރަތަމަ އެހީ ކުރިއެރުވުމަށްވެސް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

ވަކި އުމުރަކަށް ނޫން، އެންމެނަށް

ދިވެހި ރެޑް ކްރެސެންޓްގެ ކުޅުދުއްފުށީ ސިޓީ ޔުނިޓުގައި މި ވަގުތު ގިނައިން މަސައްކަތް ކުރަމުން ދަނީ ޒުވާނުންނެވެ. އެޒުވާނުން ބާރުވެރިކޮށް، މުޖުތަމައުގައި މުހިއްމު ބަޔަކަށް އެފަރާތްތައް ހެދުމަށްވެސް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެހެންނަމަވެސް، ރެޑް ކްރެސެންޓްގެ މަސައްކަތްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޒުވާނުންނަކަށް ނޫނެވެ. އެ ހަރަކާތުގެ އުސޫލުތަކަށް އިހުތިރާމް ކުރާ ހަމަ ކޮންމެ މީހަކަށްވެސް އެފުރުސަތު އޮތީ ހުޅުވާލެވިފައެވެ. ކޮންމެ އުމުރަކަށްވިޔަސްމެއެވެ. ކޮންމެ ގައުމެއްގެ މީހަކަށްވިޔަސްމެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355